ހޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު ހެރިސަން ފޯޑްގެ "އިންޑިއާ ޖޯންސް" ފްރެންޗައިޒްގެ ފަސް ވަނަ ފިލްމުގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލައިފި އެވެ.
މި އެކްޝަން އެޑްވެންޗާ ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން 30 ގަ އެވެ. އެހެންވެ ފިލްމަށް ކުރަން ޖެހޭ އިންޒާރު އަދި ވަރަށް ދިގު ނަމަވެސް "އިންޑިއާނާ ޖޯންސް އެންޑް ޑަޔަލް އޮފް ޑެސްޓިނީ" ގެ ޓްރެއިލާ އިން މި ވަގުތަށް ފުއްދާލައި، މީގެ ކުރީގެ ބައިތަކުގެ މަތިން ހަނދާން އާކޮށްލުން ރަނގަޅުވާނެ އެވެ.
"އިންޑިއާނާ ޖޯންސް" ގެ ފިލްމުތައް ހެރިސަން ފޯޑް ކުޅެން ފެށީ ތަންކޮޅެއް ޒުވާން އުމުރުގައި ކަމަށް ވިޔަސް މީގެ ފަސް ވަނަ ބައި ބެލުންތެރިންނާ ހަމަށް އަންނަ އިރު، އޭނަގެ އުމުރަކީ 80 އަހަރެވެ. މީގެ ފުރަތަމަ ފިލްމު "ރައިޑާސް އޮފް ދަ ލޮސްޓް އާކް" ރިލީޒްކުރީ 1981 ގަ އެވެ. އެ ފިލްމު ރީލީޒްކުރި އިރު، ކާމިޔާބު އެކްޓަރަށް 39 އަހަރެވެ. ހަތަރު ވަނަ ފިލްމު "އިންޑިއާނާ ޖޯންސް އެންޑް ދަ ކިންގްޑަމް އޮފް ދަ ކްރިސްޓަލް ސްކަލް" ގެނެސްދިނީ 2008 ގަ އެވެ.
ކުރީގެ ހަތަރު ފިލްމު ޑައިރެކްޓްކުރީ ކުޅަދާނަ ޑައިރެކްޓަރު ސްޓީވެން ސްޕީލްބާގް ކަމަށް ވިޔަސް، ފަސް ވަނަ ބައި ޑައިރެކްޓްކުރީ "ދަ ވުލްވުރިން" އާއި "ލޯގަން" ގެ އިތުރުން "ފޯޑް ވާސަސް ފެރީ" ފަދަ ފިލްމުތައް ގެނެސްދިން ޖޭމްސް މަންގޯލްޑެވެ.