ފަސް ވަރަކަށް އަހަރު ފަހުން ޝާހްރުކް ޚާން އޭނަގެ ޖާދޫ އަލުން ގެނެސްދޭން ތައްޔާރުވަމުން އަންނަ ފިލްމު "ޕަތާން" ނުވަ ގައުމެއްގައި ޝޫޓްކޮށްފައިވާ ކަމަށް ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ސްޓޫޑިއޯ، އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކޮށް އަންނަ މަހުގެ 25 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ އެކްޝަން ތުރިލާ ޝޫޓްކޮށްފައި ވަނި އިންޑިއާގެ އިތުރުން ސްޕެއިން، އިޓަލީ، ޔޫއޭއީ، ތުރުކީ، ރަޝިއާ، ސައިބީރިއާ، އަފްގާނިސްތާން އަދި ފްރާންސްގަ އެވެ.
"ޕަތާން" ގެ ޑައިރެކްޓަރު ސިދާތަކީ އަބަދު ވެސް އޭނަގެ ފިލްމުތައް ވަރަށް ގިނަ ގައުމުތަކުގައި ޝޫޓްކުރަން އިސްކަންދޭ ޑައިރެކްޓަރެކެވެ. ސިދާތުގެ ފިލްމުތަކުގެ ސްކްރީންޕްލޭ ވެސް ހުންނަނީ އެފަދަ ވާހަކަތަކަށް ހާއްސަކޮށްފަ އެވެ. އެހެންވެ އާ ފިލްމާ ބެހޭ ގޮތުން ވެސް އޭނާ ބުނީ "ޕަތާން" އަކީ ވަރަށް ހިތްގައިމު މަންޒަރުތަކެއް ފެންނާނެ، ވަރަށް ސްޓައިލިޝް ފިލްމަކަށް ވާނެ ކަމަށެވެ.
"ދެން ވަރަށް ކެރިގެން ބުނަން ކެރިދާނެ މި ފިލްމަކީ މީގެ ކުރިން ބޮލީވުޑްގެ ފިލްމަކުން ފެނިފައި ނުވާ ފަދަ ތަފާތު އަދި އެހާމެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ފެންނާނެ ފިލްމެކޭ." 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ބުންޏެވެ.
ސިދާތު ބުނި ގޮތުގައި "ޕަތާން" އަކީ އޭނަ މިހާތަނަށް އެންމެ ބޮޑަށް ތައްޔާރުވެގެން ހެދި ފިލްމެވެ. އެހެންވެ މި ފިލްމުގެ ކޮންމެ މަމްޒަރަކާއި ފިލްމުގެ ކޮންމެ ކެރެކްޓާއެއް ވެސް ވަރަށް ފުރިހަމަކޮށް ޕްރެޒެންޓްކޮށް ދީފައި ހުންނާނެ ކަމަށް މިހާރު "ފައިޓާ" ކިޔާ ފިލްމެއް ހަދަމުން އަންނަ ޑައިރެކްޓަރު ބުންޏެވެ.
"ޕަތާންގެ މަސައްކަތް ފެށި އިރު ވެސް ވިސްނުމުގައި އިން އެއް ކަމަކީ ބޮލީވުޑްގައި އާ ބެންޗްމާކެއް ކްރިއޭޓްކުރުން. އުންމީދުކުރަން އަހަރެން މި ބުނާ އެއްޗެއް ފިލްމު ބެލުމަށް ފަހު ބެލުންތެރިންނަށް ފާހަގަކުރެވޭނެ ކަމަށް." ބޭންގް ބޭންގް އާއި ބަޗްނާ އޭ ހަސީނޯ އަދި އަންޖާނާ އަންޖާނީ ވެސް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
"ޕަތާން" ގެ ބަތަލާ އަކީ ދީޕިކާ ޕަދުކޯން އެވެ. އެހެންވެ މި ފިލްމަށް އެންމެ ބޮޑަށް އިންތިޒާކުރެވޭ އެއް ސަބަބަކީ ޝާހްރުކާއި ދީޕިކާގެ ޖޯޑުގެ ހިތްގައިމު ކެމިސްޓްރީ އަލުން ބަލާލަން ފޭނުންނަށް ލިބުމެވެ.
ޖޯން އަބްރަހަމް ވިލަންގެ ރޯލު ކުޅެފައިވާ ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށްދާ އިރު މިހާރު އަނެއްކާ ވަނޯ ޝާހްރުކް ހިމެނޭ އާ ޕޯސްޓަރެއް ދައްކާލައިފަ އެވެ. އަދި "ޕަތާން" ގެ ލަވައެއް ވަރަށް އަވަހަށް ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.