Last Updated: July 27, 18:03
Tuesday, July 28, 2026
މުނިފޫހިފިލުވުން

އަކްޝޭ އަލުން ރަސްކަލެއްގެ ހެދުން އަޅައިފި

މި އަހަރު ރިލީޒްކުރި "ސަމްރާޓް ޕްރިތުވީރާޖް" ގައި އިންޑިއާގެ ކުރީގެ ރަސްކަލެއްގެ ރޯލު ކުޅުމަށް ފަހު، ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު އަނެއްކާ ވެސް ރަސްކަލެއްގެ ހެދުން އަޅައިފި އެވެ.

މިއަދު ޝޫޓިން ފަށައި، ފަސްޓްލުކް ވެސް ދައްކާލީ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ރޯލު އަކްޝޭ ކުޅޭ ބައޮގްރަފިކަލް ޑްރާމާ އެވެ. މިއަށް ދީފައި ވަނީ ވެސް ހަމަ އެ ނަމެވެ. ޗަތުރަޕަތީ ޝިވާޖީ އަކީ 16 ވަނަ ގަރުނުގައި އިންޑިއާގެ މަރާޓާގެ ރަސްކަންކުރެއްވި ވަރުގަދަ ޝަހުސިއްތަކެވެ. އަދި އޭނަ އަކީ މަރާޓާ ރަސްކަމުގެ ފެށުން ވެސް މި އެވެ.

"ޗަތުރަޕަތީ ޝިވާޖީ މަހާރާޖް" ގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި ސަލްމާން ޚާންގެ "އަންތިމް: ދަ ފައިނަލް ޓުރުތު" ޑައިރެކްޓްކުރި އެކްޓަރު މަހޭޝް މަންޖްރޭކަރެވެ. އަކްޝޭ ރަސްކަލެއްގެ ރޯލު ކުޅޭ އާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަކްޝޭގެ "ސަމްރާޓް ޕްރިތުވީރާޖް" އަކީ މި އަހަރުގެ އެންމެ ނާކާމިޔާބު އެއް ފިލްމެވެ. ޖޫން މަހު ރިލީޒްކުރި އެ ފިލްމުގެ ބަތަލާހެ ރޯލު ކުޅުނީ 2017 ގެ މިސް ވޯލްޑް މަނޫޝި ޗިލާރެވެ.

މި އަހަރު ރިލީޒްކުރި އަކްޝޭގެ ހުރިހާ ފިލްމުތަކެއް ވެސް ވީ ޕްލޮޕެވެ. އެއީ "ސަމްރާޓް ޕްރިތުވީރާޖް" ގެ އިތުރުން "ބައްޗަން ޕާންޑޭ" އާއި "ރަކްޝާ ބަންދަން" އާއި "ކަތުޕުތުލީ" އަދި "ރާމް ސެޓޫ" އެވެ.