ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ފަހު ދެ މެޗު މިރޭ ކުޅޭއިރު، މިރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްޕެއިން އާއި މޮރޮކޯ އެވެ.
ސްޕެއިން މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް އީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ސްޕެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މޮރޮކޯ ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި މޮރޮކޯ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އަނެއް މެޗުން އެޓީމު ވީ އެއްވަރެވެ.
އެންމެފަހުން ސްޕެއިނުން ވާދަކުރި ދެ ވޯލްޑް ކަޕްގައި ވެސް އެޓީމަށް ކުއާޓާފައިނަލާ ހިސާބަށް ދެވިފައެއް ނުވެ އެވެ. ސްޕެއިނަށް އެންމެފަހުން ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދެވިފައިވަނީ 2010 ވަނަ އަހަރު ކަމަށްވާއިރު އެފަހަރު އެޓީމުން މުބާރާތުން ޗެމްޕިއަންކަން ވެސް ހޯދި އެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިން ސިސްޓަމަކަށް ކުޅޭ ސްޕެއިނަކީ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލްޖެހި ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. އަނެއް ޓީމަކީ އިންގްލެންޑް ކަމަށްވާއިރު މި ދެ ޓީމުން ވެސް ވަނީ 9 ގޯލް ކާމިޔާބުކޮށްފަ އެވެ.
ސްޕެއިންގެ ފަރާތުން މިރޭ ވެސް އެފަދަ ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭއިރު މޮރޮކޯ އަކީ އާދައިގެ ގޮތަކަށް ނެގޭނެ ޓީމެއް ނޫންކަން ގްރޫޕް ސްޓޭޖުގައި އެޓީމުން ވަނީ ޔޫރަޕްގެ ބައެއް ޓީމުތަކަށް ދައްކާލާފަ އެވެ.
މޮރޮކޯ އަށް ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލަށް މިހާތަނަށް ދެވިފައި ނުވާއިރު އެޓީމަށް މިފަހަރު ދެވަނަ ބުރަށް ދަތުރުކުރެވުނީ ވެސް 36 އަހަރަށްފަހު އެވެ. ގްރޫޕް ސްޓޭޖުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި މޮރޮކޯ އަކީ މުބާރާތުގައި މިހާރު އޮތް ހަމައެކަނި އެފްރިކާގެ ޓީމެވެ. އެންމެފަހުން ކުޅުނު 8 މެޗުން ވެސް މޮރޮކޯ ބަލިވެފައި ނުވާއިރު އެ 8 މެޗުގައި އެޓީމު ކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. ޔޫރަޕްގެ ގަދަ ބާރަކާއި ދެކޮޅަށް މިރޭ ނިކުންނައިރު މޮރޮކޯ އޮތީ އިތުބާރާއެކު ކަމަށްވާއިރު އެޓީމުން މިރޭ ސްޕެއިން ބަލިކޮށްފިނަމަ އެކަން ވެގެންދާނީ ވޯލްޑް ކަޕްގެ ބޮޑު ސަޕްރައިޒަކަށެވެ.
ސްޕެއިން
މޮރޮކޯއާ ދެކޮޅަށް އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ސްޕެއިން ބަލިވެފައެއް ނުވެ އެވެ. އެ ތިން މެޗުގެ ތެރެއިން ދެ މެޗުން ސްޕެއިން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މިއީ ވޯލްޑް ކަޕްގެ ނޮކައުޓް ބުރުގެ މެޗެއްގައި ސްޕެއިނުން އެފްރިކާގެ ޓީމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ. މީގެކުރިން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސްޕެއިނުން ވަނީ އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ޖުމްލަ ފަސް މެޗު ކުޅެފަ އެވެ. އޭގެތެރެއިން ތިން މެޗުން ސްޕެއިން މޮޅުވިއިރު އެޓީމު ބަލިވީ އެންމެ މެޗަކުންނެވެ.
މި މެޗަށް ނިކުންނައިރު ސްޕެއިން ޓީމުުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.
މޮރޮކޯ
ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮރޮކޯ ބަލިވެފައެއް ނުވެ އެވެ. އޭގެތެރެއިން ދެ މެޗުން މޮރޮކޯ ވަނީ މޮޅުވެފަ އެވެ. ވޯލްޑް ކަޕްގައި ބަލިނުވެ ފަސް މެޗު ހަމަކުރި ހަމައެކަނި އެފްރިކާގެ ޓީމަކީ ކެމަރޫން އެވެ.
މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މޮރޮކޯ އިން ވާދަކުރާ ދެވަނަ ފަހަރެވެ. މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ އެންމެފަހުން ވާދަކުރީ 1986 ވަނަ އަހަރު ކަމަށްވާއިރު އެފަހަރު އެޓީމު ވަނީ 1-0 އިން ޖަރުމަނު އަތުން ބަލިވެފަ އެވެ.
މި މެޗަށް ނިކުންނައިރު މޮރޮކޯ ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.
ދެ ޓީމުގެ ކުރިމަތިލުންތައް
މޮރޮކޯ އާއި ސްޕެއިން މިހާތަނަށް ވަނީ ތިން ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ދެ މެޗުން ސްޕެއިން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު އެންމެފަހުން ބައްދަލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގަ އެވެ. އެ މެޗު 2-2 އިން ނިމުނީ އެއްވަރުވެގެންނެވެ.
މޮރޮކޯ އާއި ސްޕެއިން ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.