އުޅަނދުފަހަރުގެ އަހަރީ ފީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކައުންސިލްތަކަަށް ޖަމާކުރާ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަމާއި ގުޅޭގޮތުން މިނިސްޓަރ އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ، އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ އަހަރީ ފީ ބަލައިގަންނާނީ އަންނަ މަހުގެ 1 އިން ފެށިގެން އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކުން ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން އަހަރީ ފީ ބަލައިގަންނާނީ ޓްރާންސްޕޯޓް މިނިސްޓްރީން މިކަމަށް ތައްޔާރުކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައިވާ ގޮތުން ކައުންސިލުތަކުން ފީ ނެގޭއިރު، ކައުންސިލްގެ އެކައުންޓަށް އެ ފައިސާ ޖަމާވާނީ ކައުންސިލުގެ އެކައުންޓް ބަނޑޭރި ޕޯޓަލްއާއި އިންޓަގްރޭޓް ވެފައިވާ ނަމައެވެ. އަދި ބަނޑޭރި ޕޯޓަލްއާއި އިންޓްރޭޓް ނުވެވާ ކައުންސިލްތަކުގެ އެކައުންޓުތަކަށް ފައިސާ ޖަމާވުމުގެ ބަދަލުގައި ޖަމާވާނީ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ. މިގޮތަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާވާ ކައުންސިލްތަކަށްވާ ފައިސާ އެ ކައުންސިލާއި ހަވާލު ކުރާނީ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ބަނޑޭރި ޕޯޓަލްގައި ކައުންސިލްގެ އެކައުންޓްތަށް އިންޓަގްރޭޓް އަހަރު ނިމުމުގެ ކުރިން ކުރުމަށް އަންގާފައެވެ.
އުޅަނދު ތަކުގެ އަހަރީ ފީ ކައުންސިލްތަކަށް ޖަމާވާ ގޮތަށް ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުންނެވެ. މި ސިޔާސަތުގެ ދަށުން އެ ކައުންސިލުގެ އިޙްތިޞާޞްގައި ހިމެނޭ އުޅަނދުތަކުގެ އަހަރީ ފީ ބަލައިގަންނަނާނީ އެކައުންސިލްއަކަށެވެ. މިއާއެކު ކައުންސިލްތަކަށް އާމްދަނީ ލިބުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.
ކައުންސިލްތަށް ބާރުވެރިކޮށް އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެކެވެ.