Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗު ޕްރިވިއު: ޕޯޗުގަލް-ސްވިޒަލޭންޑް

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ފަހު މެޗު މިރޭ ކުޅޭއިރު، މި މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ސްވިޒަލޭންޑެވެ.

ޕޯޗުގަލް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ޕޯޗުގަލް ވަނީ ދެ މެޗުން މޮޅުވެފަ އެވެ. އަނެއް މެޗުން އެޓީމު ވީ ބައްޔެވެ. ސްވިޒަލޭންޑް ދެވަނަ ބުރުން ޖާގަ ހޯދީ ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ޖީ ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު އަނެއް މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

އެންމެފަހުން ޕޯޗުގަލް އިން ވާދަކުރި ތިން ވޯލްޑް ކަޕްގައި ވެސް އެޓީމަށް މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ދެވިފައެއް ނުވެ އެވެ. ޕޯޗުގަލް އަށް މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް އެންމެފަހުން ދެވިފައިވަނީ 2006 ވަނަ އަހަރު އެވެ. ޕޯޗުގަލް އިން މި މުބާރާތް ފެށީ ވަރުގަދަކޮށް ކަމަށްވާއިރު މި މުބާރާތުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވުމަކީ އެޓީމަށް އޮތް ކަންބޮޑުވުމެކެވެ. ސްވިޒަލޭންޑަކީ ބޮޑެތި މުބާރާތްތަކުގައި މީގެކުރިން ވެސް ޔޫރަޕްގެ ގަދަ ބާރުތައް ކަޓުވާލާފައިވާ ޓީމަކަށްވާއިރު ކުއާޓާގެ ޖާގައެއް ހޯދުމަށް ޕޯޗުގަލްގެ އެންމެ މޮޅު ކުޅުން މިރޭ ދައްކަންޖެހެ އެވެ.

އެންމެފަހުން ސްވިޒަލޭންޑުން ވާދަކުރި ހަތް ވޯލްޑް ކަޕްގައި ވެސް އެޓީމަށް މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ދެވިފައި ނުވާއިރު އެޓީމަށް އެންމެފަހުން ކުއާޓާފައިނަލުން ޖާގަ ލިބުނީ 1954 ވަނަ އަހަރު އެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ދެ މެޗުން ސްވިޒަލޭންޑް މޮޅުވެފައިވާއިރު މީީގެކުރިން އެޓީމަށް ވޯލްޑް ކަޕެއްގައި ތިން މޮޅު ހޯދިފައެއް ނުވެ އެވެ. ތާރީހު ބަދަލުކޮށްލައި ޔޫރަޕްގެ ގަދަ ބާރެއް ކަޓުވާލަން ސްވިޒަލޭންޑުން މިރޭ ނިކުންނައިރު އެޓީމުން ހިތްވަރު ލިބިގަންނާނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުންނެވެ. އެގޮތުން ޔޫރޯގެ ދެވަނަ ބުރުގައި ސްވިޒަލޭންޑުން ވަނީ ފްރާންސް ބަލިކޮށް ކުއާޓާ އިން ޖާގަ ހޯދާފަ އެވެ. ސްވިޒަލޭންޑުން މިރޭ ނިކުންނަނީ އެފަދަ ނަތީޖާއެއް ތަކުރާރު ކުރުމަށެވެ.

ޕޯޗުގަލް

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި އެންމެފަހުން ޕޯޗުގަލް އިން ކުޅުނު ދެ މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ. އެގޮތުން 2018 ގެ ވޯލްޑް ކަޕްގައި ދެވަނަ ބުރުން ޕޯޗުގަލް ކެޓީ އުރުގުއޭ އަތުން 2-1 އިން ބަލިވެގެންނެވެ. އަދި 2010 ގެ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ޕޯޗުގަލް ކެޓީ ސްޕެއިން އަތުން 1-0 އިން ބަލިވެގެންނެވެ.

ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު 9 މެޗުގެ ތެރެއިން 8 މެޗުގައި އެންމެ ފުރަތަމަ ގޯލް ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ. ލީޑު ނަގާފައިވަނިކޮށް ވޯލްޑް ކަޕް މެޗަކުން ޕޯޗުގަލް މިހާތަނަށް ބަލިވީ އެންމެ ފަހަރަކު އެވެ. އެއީ އެންމެފަހުން ދެކުނު ކޮރެޔާ އަތުން 2-1 އިން ބަލިވި މެޗުގަ އެވެ.

މި މެޗަށް ނިކުންނައިރު ޕޯޗުގަލް ޓީމުުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތެވެ.

ސްވިޒަލޭންޑް

މިފަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލޭންޑުން ދެ މޮޅު ހޯދާފައިވާއިރު މިހާތަނަށް ވޯލްޑް ކަޕެއްގައި އެޓީމަށް ތިން މޮޅު ހޯދިފައެއް ނުވެ އެވެ.

މިއީ ބޮޑު މުބާރާތެއްގައި ޕޯޗުގަލްއާ ދެކޮޅަށް ސްވިޒަލޭންޑް ނިކުންނަ ދެވަނަ ފަހަރެވެ. އެންމެފަހުން ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރީ 2008 ވަނަ އަހަރު އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ ސްވިޒަލޭންޑުންނެވެ.

މި މެޗަށް ނިކުންނައިރު ސްވިޒަލޭންޑް ޓީމުގައި ވެސް އަނިޔާގެ މައްސަލައެއް ނޫޅެ އެވެ.

ދެ ޓީމުގެ ކުރިމަތިލުންތައް

މިއީ މިއަހަރުތެރޭ ސްވިޒަލޭންޑާއި ޕޯޗުގަލް ބައްދަލުކުރާ ތިންވަނަ މެޗެވެ. އެގޮތުން ޔޫއެފާ ނޭޝަންސް ލީގުގައި މި ދެ ޓީމު ވަނީ މިއަހަރުތެރޭ ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. ފުރަތަމަ މެޗުން 4-0 އިން ޕޯޗުގަލް މޮޅުވިއިރު ދެވަނަ މެޗު 1-0 އިން ކާމިޔާބުކުރީ ސްވިޒަލޭންޑުންނެވެ.

ޕޯޗުގަލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.