Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ޕޯޗުގަލްގެ ފުރަތަމަ 11 އިން ރޮނާލްޑޯ ބާކީކޮށްފި

ފީފާ ވޯލްޑް ކަޕްގެ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި މިރޭ ސްވިޒަލޭންޑާއި ދެކޮޅަށް ޕޯޗުގަލް އިން ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ނުދޭން ނިންމައިފި އެވެ.

ރޮނާލްޑޯގެ ބަދަލުގައި މި މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ގޮންސާލޯ ރާމޯސް އަށެވެ. މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަންކަން ކުރާނީ ތަޖުރިބާކާރު ޑިފެންޑަރު ޕެޕޭ އެވެ.

ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް މިރޭ ޖާގަ ދީފައި ނުވާއިރު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު އަމަލާ މެދު ހިތްހަމަނުޖެހޭ ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ބުނެފަ އެވެ.

ދެކުނު ކޮރެޔާ އަތުން 2-1 އިން ޕޯޗުގަލް ބަލިވި މެޗުގެ ދެވަނަ ހާފްގައި ރޮނާލްޑޯ ބަދަލުކުރުމުން އޭނާ ދަނޑުން ފައިބައިގެންދިޔައިރު އެކަމާ ހިތްހަމަނުޖެހުނު މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ދަނޑުން ފައިބައިގެން ދިޔައިރު ދެކުނު ކޮރެޔާގެ ކުޅުންތެރިއަކާ ދިމާލަށް ވެސް ރޮނާލްޑޯ ދިޔައީ އެއްޗެއް ބުނެފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ އަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި މުބާރާތުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ ވެސް އެންމެ ގޯލެކެވެ.

ޕޯޗުގަލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.