Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ސްޕެއިން ކަޓުވާލައި މޮރޮކޯ ކުއާޓާ އަށް

ޕެނަލްޓީގައި 3-0 އިން ސްޕެއިން ބަލިކުރުމަށްފަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް މޮރޮކޯ ދަތުރުކޮށްފި އެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީން ކަމަށްވާއިރު، ޕެނަލްޓީގައި ސްޕެއިނުން ފޮނުވާލި ތިން ޕެނަލްޓީ ވެސް މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ.

މިއީ މޮރޮކޯގެ ތާރީހުގައި ވެސް ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.

ކުއާޓާގައި މޮރޮކޯ ބައްދަލުކުރާނީ ޕޯޗުގަލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ގަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ މި މެޗުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ މޮރޮކޯގެ އަގާޑަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެއިނުން ކުޅުނު މި މެޗުގެ 90 މިނެޓްގެ ފަހު ވަގުތުކޮޅުތެރޭ ޑެނީ އޮލްމޯ ނުރައްކާތެރި ގޮތަކަށް ފޮނުވާލި ހިލޭޖެހުމެއް މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފަ އެވެ. 90 މިނެޓްގެ ކުޅުން ހަމަވެގެން ދެން ކުޅުނު އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފުގައި ވެސް ނަތީޖާ އަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެއާއެކު މި މެޗުގެ ނަތީޖާ ދެން ނެރުނީ ޕެނަލްޓީންނެވެ.

އެގޮތުން ސްޕެއިންގެ ޕަބްލޯ ސަރާބިއާ އާއި ކާލޯސް ސޮލާ އަދި ސާޖިއޯ ބުސްކެޓްސް ފޮނުވާލި ޕެނަލްޓީތައް ދިފާއުކުރީ މޮރޮކޯގެ ކީޕަރު ބޯނޯ އެވެ. މޮރޮކޯގެ ސަބީރީ އާއި ހާކިމް ޒިޔެކް އަދި އަޝްރަފް ހަކީމީ ޕެނަލްޓީ ކާމިޔާބުކުރިއިރު އެޓީމުގެ ބަދްރް ބެނޫން ފޮނުވާލި ޕެނަލްޓީ މަތަކުރީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އެވެ.

ކުއާޓާފައިނަލްގައި މޮރޮކޯ ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.