Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މޮރޮކޯގެ މޮޅު ހާއްސަކުރީ ހުރިހާ މުސްލިމުންނަށް

ފީފާ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މިރޭ ސްޕެއިންގެ މައްޗަށް މޮރޮކޯ އިން ހޯދި މޮޅު ހުރިހާ މުސްލިމުންނަށް އެޓީމުގެ ވިންގަށް ކުޅެމުން އަންނަ ސޯފިއަން ބޫފަލް ހާއްސަކޮށްފި އެވެ.

ޕެނަލްޓީގައި 3-0 އިން ސްޕެއިން ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ފުރަތަމަ ފަހަރަށް މޮރޮކޯ މިރޭ ދަތުރުކޮށްފައިވާއިރު އެޓީމު މުބާރާތުގެ ދެވަނަ ބުރުން މިފަހަރު ޖާގަ ހޯދީ ވެސް 36 އަހަރަށްފަހު އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕެއްގެ ކުއާޓާފައިނަލަށް ދަތުރުކުރި އަރަބި ފުރަތަމަ ގައުމުވެސް މެ އެވެ.

ސްޕެއިންގެ މައްޗަށް ކުރި ހޯދި މެޗަށްފަހު ވާހަކަދައްކަމުން ބޫފަލް ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބެ މޮރޮކޯ އަށް ސަޕޯޓްކުރި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ހުރިހާ އަރަބިންނަށާއި މުސްލިމުންނަށް ޝުކުރު އަދާކުރަން. މިއީ އެމީހުންނަށް ހައްގުވާ މޮޅެއް." ބޫފަލް ބުންޏެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީން ކަމަށްވާއިރު، ޕެނަލްޓީގައި ސްޕެއިނުން ފޮނުވާލި ތިން ޕެނަލްޓީ ވެސް މޮރޮކޯގެ ކީޕަރު ބޯނޯ ވަނީ މަތަކޮށްފަ އެވެ.

ކުއާޓާގައި މޮރޮކޯ ބައްދަލުކުރާނީ މިރޭ ޕޯޗުގަލް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މޮރޮކޯ ކުޅޭ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.