Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ރާމޯސްގެ ހެޓްރިކުން ޕޯޗުގަލް ކުއާޓާ އަށް

ސްވިޒަލޭންޑް 6-1 އިން ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ޕޯޗުގަލް ދަތުރުކޮށްފި އެވެ.

މިއީ 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ޕޯޗުގަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކުއާޓާގައި ޕޯޗުގަލް ބައްދަލުކުރާނީ މޮރޮކޯއާ އެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. މި މެޗުގައި ރޮނާލްޑޯގެ ބަދަލުގައި އެރުވީ އުމުރުން 21 އަހަރުގެ ގޮންސާލޯ ރާމޯސް އެވެ.

މިރޭގެ މެޗުގައި ޕޯޗުގަލް އިން ކާމިޔާބުކުރި ފުރަތަމަ ގޯލް މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ރާމޯސް އެވެ. ރާމޯސް މި ގޯލް ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މެޗުގެ 33 ވަނަ މިނެޓްގައި ޕޯޗުގަލްގެ ދެވަނަ ގޯލް ޕެޕޭ ކާމިޔާބުކޮށްދިން އިރު މި ގޯލަކީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރެއަށް ނެގި ހުރަހަކުން ޕެޕޭ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޕޯޗުގަލް އިން ނިންމާލިއިރު މެޗުގެ 51 ވަނަ މިނެޓްގައި ޕޯޗުގަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދިނީ ރާމޯސް އެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރަފޭލް ގުރޭރޯ ޕޯޗުގަލްގެ ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިން އިރު މެޗުގެ 67 ވަނަ މިނެޓްގައި ރާމޯސް ވަނީ ޕޯޗުގަލްގެ ފަސްވަނަ ގޯލް ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ.

ދެވަނަ ހާފްގައި ރޮނާލްޑޯ ކުޅެން އެރުވިއިރު ޕޯޗުގަލްގެ ހަވަނަ ގޯލް މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ރަފޭލް ލިއާއޯ އެވެ. މި މެޗުގައި ސްވިޒަލޭންޑުން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ޑިފެންޑަރު އަކަންޖީ އެވެ.

ކުއާޓާފައިނަލްގައި ޕޯޗުގަލް އާއި މޮރޮކޯ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.