ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ އަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ބުނެފި އެވެ.
ޕެލޭ ،82، ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ ބުދަ ދުވަހު ކަމަށްވާއިރު އޭނާގެ ހާލު އިތުރަށް ގޯސްވެފައިވާ ކަމަށް ބުނެ ދާދިފަހުން މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ޕެލޭ ވަނީ އޭނާ ހުރީ ގަދަފަދަކޮށް ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.
ޕެލޭ ބަލަމުންދާ ޑޮކްޓަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޕެލޭގެ ސިއްހީ ހާލަތަށް ކުރިއެރުންތަކެއް ލިބެމުންދާތަން ފެންނަމުންދާ ކަމަށާއި އޭނާގެ ސިއްހީ ހާލަތަށް އިތުރު މައްސަލަތަކެއް ކުރިމަތި ނުވާ ކަމަށެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ދެކުނު ކޮރެޔާ އަތުން 4-1 އިން ބްރެޒިލް ހޯދި މޮޅު ހާއްސަކޮށްފައިވަނީ ޕެލޭ އަށެވެ.
ޕެލޭ އަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރު ކިޑްނީގެ މައްސަލައެއްގައި ޕެލޭ ހޮސްޕިޓަލްގައި ދުވަސްކޮޅެއް ވަންދެން އެޑްމިޓް ކުރި އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު ބްރެޒިލްގެ ހޮސްޕިޓަލެއްގައި ވެސް ދިގު މުއްދަތަކަށް އޭނާ އެޑްމިޓް ކުރި އެވެ.
ޕެލޭއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޖުމުލަ 21 އަހަރުގެ ދިގު ފުޓުބޯޅަ ކެރިއަރުގައި ޕެލޭވަނީ 1281 ގޯލް ޖަހައިފަ އެވެ. މީގެ ތެރެއިން 77 ގޯލް އޭނާ ޖަހައިދީފައިވަނީ ބްރެޒިލަށް ކުޅުނު 91 މެޗުގަ އެވެ.
ޕެލޭ އަކީ ވޯލްޑްކަޕު ތިން ފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.