ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށް އެޓީމުގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނެފި އެވެ.
ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ރޭ ސްވިޒަލޭންޑާ ދެކޮޅަށް ޕޯޗުގަލް އިން ނެރުނު ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ޖާގަ ދީފައެއް ނުވެ އެވެ. އެ މެޗުން 6-1 އިން ޕޯޗުގަލް މޮޅުވިއިރު، އެ މެޗުގައި ޕޯޗުގަލްގެ ތިން ގޯލް ކާމިޔާބުކޮށް މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދީ ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވި ގޮންސާލޯ ރާމޯސް އެވެ.
ޕޯޗުގަލްގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށް ރޭ ޖާގަ ދީފައި ނުވާއިރު، ގްރޫޕް ސްޓޭޖުގައި ދެކުނު ކޮރެޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނު އަމަލާ މެދު ހިތްހަމަނުޖެހޭކަން ޕޯޗުގަލްގެ ކޯޗު ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

ރޭގެ މެޗުގެ ދެވަނަ ހާފްގައި ރޮނާލްޑޯ ކުޅެން އެރުވިއިރު، މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސަންޓޯސް ބުނީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ރޮނާލްޑޯ އަކީ އޭނާގެ އެކުވެރިއެއް ކަމަށެވެ. އަދި ކުޅުންތެރިން ބައެއް ފަހަރު ކުރާ ކަންކަމަކީ ޓީމަށް އަސަރު ކުރާނެ ކަންތައްތަކެއް ނޫން ކަމަށާއި ރޮނާލްޑޯ އަކީ ނަމޫނާ ކެޕްޓަނެއް ކަމަށްވެސް ސަންޓޯސް ބުންޏެވެ.
"މެޗުގެ ކުރިން އަހަރެން ރޮނާލްޑޯއާ ވާހަކަ ދެއްކިން. އަހަރެންގެ ނިންމުމާ މެދު ރޮނާލްޑޯގެ ނެތް އެއްވެސް މައްސަލައެއް. ރޮނާލްޑޯ އަކީ ނަމޫނާއެއް." ސަންޓޯސް ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ރޮނާލްޑޯ އަށް އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު މި މުބާރާތުގައި އޭނާ އަށް ކާމިޔާބު ކުރެވިފައިވަނީ ވެސް އެންމެ ގޯލެކެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ޕޯޗުގަލް ބައްދަލުކުރާނީ މޮރޮކޯއާ އެވެ.