ވޯލްޑް ކަޕުން ސްޕެއިން ކެޓުމުގެ ޒިންމާ ފުރިހަމަ އަށް ނަގާ ކަމަށް އެޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މުބާރާތުގެ ދެވަނަ ބުރުން ސްޕެއިން ރޭ ކެޓީ ޕެނަލްޓީގައި 3-0 އިން މޮރޮކޯ އަތުން ބަލިވުމުންނެވެ. މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން އެންރީކޭ ބުނީ މުބާރާތުން ކެޓުމުގެ ޒިންމާ ފުރިހަމަ އަށް ނަގާ ކަމަށާއި ސްޕެއިނުން ފުރަތަމަ ޕެނަލްޓީ ޖެހި ތިން ކުޅުންތެރިންނަކީ ވެސް ސީދާ އޭނާ އިހުތިޔާރު ކުރި ތިން ކުޅުންތެރިން ކަމަށެވެ. އެގޮތުން ދަނޑު މަތީގައި ތިބި ކުޅުންތެރިންނަށް ބަލާއިރު އެއީ ޕެނަލްޓީ ޖަހަން އެންމެ ރަނގަޅު ތިން ކުޅުންތެރިން ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް މޮރޮކޯގެ ކީޕަރު ބޯނޯ އަކީ ތަފާތު މޮޅު ކީޕަރެއް ކަމަށެވެ.ެ
ކުރިން ބާސެލޯނާ އަށް ވެސް ކޯޗުކޮށްދިން އެންރީކޭ ސްޕެއިންގެ ގައުމީ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
އެންރީކޭ ބުނީ މިއީ ކުރިމަގާ މެދު ވާހަކަދައްކަންވީ ވަގުތެއް ނޫން ކަމަށާއި މިވަގުތު ބޭނުން ވަނީ އާއިލާއާއެކު ވަގުތުތަކެއް ހޭދަކުރަން ކަމަށެވެ. އަދި ކުރިމަގާ މެދު ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ރައީސްއާ އަންނަ ހަފްތާގައި ވާހަކަ ދައްކާނެ ކަމަށްވެސް އެންރީކޭ ބުންޏެވެ.
ސްޕެއިންގެ ކޯޗުކަމާ އެންރީކޭ ހަވާލުވީ 2019 ވަނަ އަހަރު ކަމަށްވާއިރު އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ސްޕެއިނުން ވަނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މިއަހަރު ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ވެސް ސްޕެއިން ވަނީ ދަތުރުކޮށްފަ އެވެ.