އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސް ތިނެކާ ދިމާލަށް މީހަކު އަނެއްކާވެސް ބިސް އުކައިފި އެވެ.
ރަސްގެފާނު ޗާލްސްއާ ދިމާލަށް މިފަހަރު ބިސް އުކާފައި ވަނީ ލޫޓަން ޓައުން ސެންޓަރަށް ވެންނެވުމުގެ ކުރިން އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށެވެ. ނަމަވެސް އެއިން އެއްވެސް ބިހެއް ރަސްގެފާނު ޗާލްސްގެ ގަޔަށް އަމާޒުވެފައެއް ނުވެ އެވެ.
މި މައްސަލައާ ގުޅިގެން އިނގިރޭސި ފުލުހުން ވަނީ 20 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފަ އެވެ.
ރަސްގެފާނު ޗާލްސްއާ ދިމާލަށް މިދިޔަ މަހުގެ ކުރީކޮޅު ވެސް ޒުވާނަކު ވަނީ ބިސްތަކެއް އުކާފަ އެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 23 އަހަރުގެ ޒުވާނަކު ހައްޔަރުކުރި ނަމަވެސް ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ވަނީ ދޫކޮށްލައިފަ އެވެ. ދޫކޮށްލިއިރު ކުރި ޝަރުތުތަކުގެ ތެރޭގައި ޗާލްސްއާ 500 މީޓަރާ ހަމައަށް ގާތް ނުވުމާއި އާންމު ތަންތަނުގައި ބިސް ގެންގުޅުން މަނާކުރުން ހިމެނެ އެވެ.
އިނގިރޭސިވިލާތުގެ ރަސްގެފާނު ކަމަށް ޗާލްސް އައްޔަން ކުރެވުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޗާލްސްގެ މަންމާފުޅު، ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިގެންނެވެ.