Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

މެޗުގެ ކުރިން ސްވިސް ކުޅުންތެރިންތަކެން ބަލިވި

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗަށް ތައްޔާރުވުމުގެ ތެރޭގައި ސްވިޒަލޭންޑްގެ ބައެއް ކުޅުންތެރިން ބަލިވި ކަމަށް އެ ޓީމުގެ ކޯޗު މުރާތް ޔަކިން ބުނެފި އެވެ.

ދެވަނަ ބުރުގައި ރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ސްވިޒަލޭންޑް ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފަ އެވެ. މިއީ މުބާރާތުގެ ދެވަނަ ބުރުން ސްވިޒަލޭންޑް ޖެހިޖެހިގެން ކެޓި ތިންވަނަ ފަހަރެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ޔަކިން ބުނީ މެޗަށް ތައްޔާރުވުމުގެ ތެރޭގައި ޓީމުގެ ތިން ޑިފެންޑަރުން ކަމަށްވާ ސިލްވަން ވިޑްމާ އާއި ފަބިއަން ޝާގެ އިތުރުން ނިކޯ އެލްވެޑީ އުޅުނީ ބަލިވެ ކަމަށެވެ. އެގޮތުން ވިޑްމާ އާއި ޝާ އަށް ރޯގާގެ އަސަރު ކުރިއިރު އެލްވެޑީ އަށް ހުމުގެ އަސަރު ކުރި ކަމަށް ޔަކިން ބުންޏެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ކުޅުނީ ފަބިން ޝާ އެކަންޏެވެ. ނަމަވެސް ފުރަތަމަ ހާފަށްފަހު އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ސްވިސް ކޯޗު ވަނީ މެޗުން ބަލިވީ އެ ސަބަބާއި ހުރެ ނޫން ކަމަށާއި ބަލި ގަބޫލުކޮށް ޕޯޗުގަލް އަށް މަރުހަބާ ކިޔާ ކަމަށް ބުނެފަ އެވެ. މެޗުން ބަލިވުމުން ހުރިހާ ކަމަކަށް ފާޑުކިޔަން ބޭނުން ނުވާ ކަމަށާއި ޓީމުން ރަނގަޅު ހިތްވަރެއް ދެއްކި ކަމަށް ކޯޗު ބުންޏެވެ. ނަމަވެސް މެޗުގެ ނަތީޖާ އާއި މެޗުން ބަލިވި ގޮތާއި މެދު ހިތާމަކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.