ބޮލީވުޑްގެ ކުރީގެ ބަތަލާ ސޯނަމް އެނބުރި އިންޑަސްޓްރީ އަށް ނުކުންނަން ބޭނުންވާ ކަމަށް ބުނެފި އެވެ.
ކެރިއަރުގެ ވަރަށް ކުރީކޮޅު ކައިވެނިކޮށް، އިންޑިއާ ދޫކޮށް އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރި 50 އަހަރުގެ ބަތަލާ އީ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ އަލުން އެކްޓިން އަށް ނުކުތުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި އޭނަގެ އާއިލާ ވެސް މިހާރު އެކަމަށް ވަރަށް ހިތްވަރު ދެމުން އަންނަ ކަމަށް ބުންޏެވެ.
"ހާއްސަކޮށް ދަރިފުޅު ވަރަށް ބޮޑަށް ހިތްވަރުދޭ އަހަރެން އަލުން އިންޑަސްޓްރީ ނުކުންނަން. އޭނަ މިހާރު ވަރަށް ގިނައިން ބުނަން ވެސް ބުނާނެ މަންމަ އުފާވާ ކަމެއްގެ ތެރޭގައި އުޅޭށޭ. ތިމަންނަ އަބަދު ވެސް ހިތްވަރު ދޭން ހުންނާނަމޭ." ހުރި ހަމައެކަނި ދަރިފުޅާ ބެހޭ ގޮތުން ސޯނަމް ބުންޏެވެ.
އަށްޑިހައިގެ އަހަރަކުގެ ފަހުކޮޅު އެކްޓިން އަށް ނުކުތް ސޯނަމްގެ ފުރަތަމަ ހިންދީ ފިލްމަކީ ބޮޑު ކާސްޓެއް ހިމެނޭ 1988 ގެ "ވިޖޭ" އެވެ. އެކްޓަރު ރާޒާ މުރާދާއި ބަތަލާ ޒީނަތު އަމަންގެ އާއިލާ އަށް ނިސްބަތްވާ ސޯނަމްގެ އެކްޓިން ދަތުރުގެ ފެށުމަކީ އޭގެ އަހަރު ކުރިން ނުކުތް ތެލެގޫ ފިލްމު "ސަމްރާޓް" އެވެ. ސޯނަމް ކުޅުނު ފިލްމުތަކުގެ ތެރޭގައި "ތުރީދޭވް"، "ވިޝްވާތުމާ"، "އަޖޫބާ" އަދި "ބާޒް" ހިމެނެ އެވެ. އޭނަ އެންމެ ފަހުން ކުޅުނު ފިލްމަކީ 1994 ގެ "އިންސާނިއްޔަތު" އެވެ.
ސޯނަމް 1991 ގައި ކައިވެނިކުރީ "މޮހްރާ" އާއި "ގުޕްތު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ރަޖީވް ރާއީއާ އެވެ. އޭނަ އަކީ ސޯނަމްގެ "ތުރީދޭވް" އާއި "ވިޝްވާތުމާ" ގެ ޑައިރެކްޓަރު ވެސް މެ އެވެ. ސޯނަމާއި ވިޖޭގެ ކައިވެނި ވަނީ 2016 ގައި ރޫޅިފަ އެވެ.
ސޯނަމް ބުނި ގޮތުގައި ކެރިއަރުގެ ކުރީކޮޅު ކައިވެނިކޮށް، އިންޑަސްޓްރީ ދޫކޮށްލަން ޖެހުނު އިރު ވެސް ވަރަށް ގިނަ ހުށަހެޅުންތައް ބޮލީވުޑުން ލިބެމުން ދިޔަ އެވެ. އެކަމަކު އޭރު ބޭނުންވީ ކެރިއަރަށް ވުރެ ބޮޑަށް އަމިއްލަ ދިރިއުޅުން ކަމަށް ބުންޏެވެ. އޭނަ ބުނި ގޮތުގައި އެކްޓިން އަށް އަލުން ނުކުންނަން ބޭނުންވާތީ މީގެ ފަސް އަހަރު ކުރިން ވެސް ޕްލޭންތަކެއް ކުރި އެވެ. އެކަމަކު ޕްލޭންކުރި ގޮތަށް ކަންކަން ނުދިއުމާއި ފަހުން ކޮވިޑްގެ ވަބާއާ ހެދި ވެސް ޕްލޭންތަކަށް ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ބުންޏެވެ.
"އެކަމަކު މިހާރު ބޭނުން އަލުން އެކްޓިން އަށް ނުކުންނަން. އެގޮތުން ފިލްމުތަކާއި ވެބް ސީރީޒްތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ނިންމައިގެން މި ހުރީ." ސޯނަމް ބުންޏެވެ.
އޭނަ ބުނި ގޮތުގައި މިހާރުގެ ޑައިރެކްޓަރުންގެ ތެރޭގައި އަނޫރާފް ކޭޝަޕާއި ވިޝާލް ބަރަދްވާޖާއި ނީރަޖް ޕާންޑޭ ފަދަ ޑައިރެކްޓަރުންނާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ބޮޑެވެ.
"އުންމީދުކުރަން އެ މީހުންނާ އެކީ މަސައްކަތްކުރަން ލިބޭނެ ކަމަށް." ސޯނަމް ބުންޏެވެ.