Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ފޭދޫ ސްކޫލް ކެންޓީނު ހިންގާނެ ބަޔަކު ހޯދަނީ

އައްޑޫ ފޭދޫ ސްކޫލްގެ ކެންޓީން ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ސްކޫލުން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި ފޭދޫ ސްކޫލްގައި އޮންނާނެ އެވެ. އެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

ފޭދޫ ސްކޫލުން ބުނީ ކެންޓީން ހިންގާނެ ބަޔަކު ހޮވުމުގައި ސާފުތާހިރުކޮށް ތާޒާކަމާ އެކީ ދަރިވަރުންނަށާއި ޓީޗަރުންނަށް ހިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާ ވެސް ހެޔޮ އަގެއްގައި ކެންޓީނުގެ ހިދުމަތް ދެވޭނެ، އެ ދާއިރާގައި މިހާރު ވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށެވެ.

ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެމުން އަންނަ ފޭދޫ ސްކޫލަކީ އެ އަވަށުގައި ހުރި ހަމައެކަނި ސްކޫލެވެ. އަދި އެ ސްކޫލަށް މި އަހަރު ވަނީ 50 އަހަރު ފުރިފަ އެވެ.