ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އަރިއަން ޚާން ބޮލީވުޑްގެ ފުރަތަމަ ޕްރޮޖެކްޓަށް ތައްޔާރުވެއްޖެ އެވެ.
އުމުރުން 24 އަހަރުގެ ޒުވާނާ ވެބް ސީރީޒަކަށް ސްކްރިޕްޓެއް ލިޔަމުން އަންނަ ވާހަކަ ދެކެވޭތާ ދުވަސްތަކެއްވެފައިވާ އިރު، އިއްޔެ އިންސްޓަގްރާމްގައި އާންމުކުރި ޕޯސްޓެއްގައި ވަނީ ސްކްރިޕްޓް ނިންމާލި ވާހަކަ ހިއްސާކޮށްފަ އެވެ. އޭގައި އަރިއަން ބުނީ ދެން އޮތީ އޭގައި ހަގީގީ ކުލަ ޖެއްސުން ކަމަށާއި އެހެންވެ ފުރަތަމަ މަސައްކަތް ވަރަށް ހާއްސަ ކަމަށެވެ. އަދި އެންމެންގެ ހެޔޮދުއާ ވެސް އެދޭ ކަމަށް އަރިއަން ބުންޏެވެ.
ކުރިން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރިއަންގެ ސްކްރިޕްޓަކީ ބޮލީވުޑްގެ ވާހަކައެއް ކިޔައިދޭނެ އަދި ޒުވާނުންނާ ވަރަށް ގުޅޭ އެއްޗަކަށް ވާނެ އެވެ. އެގޮތުން ސީރީޒް ހަދަން ނިންމާފައި ވަނީ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި އެމެޒޯން ޕްރައިމް ވީޑިއޯ އަށް ކަމަށް މީޑިއާތަކުން ބުންޏެވެ. ނަމަވެސް ފުރަތަމަ ޕްރޮޖެކްޓަކީ އެމެޒޯނާ ގުޅިގެން ހަދާ އެއްޗެއްކަން އަދި ކަށަވަރު ނުވިޔަސް އަރިއަންގެ އިއްޔެގެ ޕޯސްޓުގައި ވަނީ އޭނަގެ ފިލްމީ ދަތުރު ފަށައި ގަންނާނީ ރެޑް ޗިލީޒްގެ ފުރާޅިގެ ދަށުންކަން ކަށަވަރުކޮށް ދީފަ އެވެ.
އެމެރިކާގެ ސައުތު ކެލިފޯނިއާ ޔުނިވސުޓީން މިދިޔަ އަހަރުގެ ކުރީކިޅު ފިލްމު މޭކިމް އިން ގްރެޖްއޭޓްވި އަރިއަން ލިޔުނު ސްކްރިޕްޓް ޑައިރެކްޓް ވެސް ކުރާނި އަމިއްލައަށް ކަމަށާއި އޭހެ ޓެސްޓް ޝޫޓްތަކެއް ވެސް މިހާރު ޖައްސާފައިވާ ކަމަށް މީޑިއާތަން ބުންޏެވެ.
އަރިއަންގެ އިއްޔެގެ ޕޯސްޓަށް ބައްޕަ ޝާހްރުކާއި މަންމަ ގޯރީ ޚާން ވެސް ކޮމެންޓްކޮށް، ދަރިފުޅަށް ހިތްވަރުދީ، ކާމިޔާބީ އަށް އެދިފައިވެ އެވެ. އަދި ޝާހްރުކްގެ ކޮމެންޓްގެ ރައްދުގައި އަރިއަން ވަނީ ބައްޕަ ސެޓުން ފެންނާނެ ކަމަށް އިންތިޒާރުކުރާ ކަމަށް ވެސް ބުނެފަ އެވެ.
އަރިއަން ފިލްމީ މަސައްކަތް ފަށައިގަންނަ އިރު، ކޮއްކޮ ސުހާނާ ޚާން އަންނަ އަހަރު ބޮލީވުޑަށް ތައާރަފުވާނެ އެވެ. އުމުރުން 22 އަހަރުގެ ސުހާނާ މިހާރު އަންނަނީ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" ގެ މަސައްކަތްކުރަމުންނެވެ. ނެޓްފްލިކްސްއާ ގުޅިގެން ހަދާ ފިލްމުން އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ އާއި ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރް ވެސް ބޮލީވުޑަށް ތައާރަފުވާނެ އެވެ.