Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށް: ކަރެކްޝަންސް

ކަރެކްޝަންސްގެ އީއެސްޖީ އޮފިސަރުން- ފޮޓޯ: ކަރެކްޝަންސް

މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ބެލެވިގެން ރޭ ފެށި އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

މާފުށި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން އަންނަނީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަން ސަރވިސް ގުޅިގެންނެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފުށީ ޖަލުގައި ރޭ ފެށި އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން މި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތެއް އަދި ދެވެން ނެތްކަމަށެވެ.

ފުލުހުން ރޭ ބުނެފައިވަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިލައްވާފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަންސް ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ރޭ ފަށާފައިވާ ކަމަށެވެ.