އައްޑޫގައި ގެސްޓް ހައުސް ތަރައްޤީ ކޮށް ހިންގުމަށް ހާއްސަ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ޓުރިޒަމް މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާއި ބެހޭ ގޮތުން އަދީބް ވިދާޅުވީ އައްޑު އަކީ ބިން ބޮޑު ސަރަހައްދަކަށް ވެފައި އެތަނުގައި ގެސްޓް ހައުސްގެ ވިޔަފާރި ވަރަށް ބޮޑަށް ތަރައްގީ ކުރެވިދާނެ ކަމަށެވެ.
އަދީބް ވިދާޅުވީ އައްޑޫގައި މިހާރުވެސް ގެސްޓް ހައުސްތައް ހިންގަމުން އަންނަ އިރު އެތަން ތަން ތަރައްޤީ ކުރެވެން އަންނަނީ މިނިސްޓްރީގެ އެއްބާރުލުން ލިބިގެން ކަމަށެވެ.
އައްޑޫގައި ގެސްޓް ހައުސް ޕްރޮމޯޓް ކުރުމަށް ކައުންސިލުން ބޯޑެއް އެކުލަވާލުމަށް މަަސައްކަތް ކުރަމުން އަންނަ އިރު އަދީބް ވިދާޅުވީ އަމިއްލަ ފަރާތްތަކާއި ގުޅިގެން އައްޑޫގައި ވޯޓަރ ސްޕޯޓްސް ކުރިއަރުވަން ނިންމާފައިވާ ކަމަށެވެ. އަދި އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމަށް ޕްރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދީބް ވިދާޅުވީ އައްޑުގެ ގެސްޓް ހައުސް މަޝްރޫއު ކުރިއަށް ގެންދާނީ މިހާރުވެސް ގެސްޓް ހައުސް ހިންގަމުން އަންނަ ފަރާތްތަކާއި ގުޅިގެން، އިތުރު ފަރާތްތަކަށް ފުރުސަތު ހުޅުވާލައިގެން ކަމަށެވެ.
އައްޑޫގައި ގެސްޓް ހައުސް ހިންގުމަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގަމުގެ ވައިގެ ބަނދަރު ގެ ތަރައްޤީގެ މަޝްރޫއުގެ ސްޕީޑެވެ.