Last Updated: June 10, 00:02
Tuesday, June 9, 2026
ދުނިޔެ

އަލް ޖަޒީރާގެ ނޫސްވެރިޔާ މަރާލި މައްސަލަ އައިސީސީ އަށް

އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަޚްލީހް-

އިޒްރޭލުގެ ސިފައިން ބަޑިޖަހާ އަލްޖަޒީރާގެ ނޫސްވެރިއަކު މަރާލި މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ށް ހުށަހަޅައިފިއެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ޝިރީން އަބޫ އަޚްލީހް، މަރާލާފައިވަނީ މޭ 11 ވަނަ ދުވަހުއެވެ.

އަލްޖަޒީރާ މީޑިއާ ނެޓްވޯކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ނޫސްވެރިޔާ ޝިރީން މަރާލި މައްސަލަ ތަހުގީގުކޮށް އެކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ ބެލުމަށެވެ.

ޝިރީން މަރާލީ އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހުޅަނގު އައްސޭރީގައި ކުރިމަތިލަމުންދިޔަދިޔުން ރިޕޯޓް ކުރަމުން ދަނިކޮށެވެ. ޝިރީން މަރުވީ އިޒްރޭލުގެ ސިފައިން ޖެހި ބަޑިއެއްގެ ވަޒަން އޭނާގެ ބޮލަށް އަމާޒުވެގެންނެވެ.

މި ހާދިސާއަށްފަހު އިޒްރޭލުން އެންމެ ފުރަތަމަ ވަނީ އެކަން ދޮގުކޮށް ޝިރީން މަރުވީ އިޒްރޭލުގެ އަތުން ނޫންކަމަށް ބުނެފައެވެ. އެހެންނަމަވެސް އ.ދ.ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން މި މައްސަލަ ބެލުމަށްފަހު ވަނީ ޝިރީން މަރުވީ އިޒްރޭލުގެ ސިފައިންގެ ހަމަލާއެއްގައިކަން ކަށަވަރުކޮށްދީފައެވެ.

ޝިރީންގެ އާއިލާގެ ފަރާތުންވެސް ވަނީ އިޒްރޭލުން ޝިރީން މަރާލި މައްސަލައިގައި އިންސާފު ހޯދުމަށްއެދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ.

ނޫސްވެރިޔާ ޝިރީން އަބޫ އަޚްލީހް ވަނީ 2000 ވަނަ އަހަރުން ފެށިގެން އަލްޖަޒީރާގައި މަސައްކަތް ކޮށްފައެވެ. އަދި ޝިރީން ހާއްސަ ވެފައިވަނީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ރިޕޯޓްކުރަމުން އައި ނޫސްވެރިއެއްގެ ގޮތުގައެވެ.