މަސްތުވާތަކެތީގެ މުއާމަލާތްތައް ހިންގުމުގައި ރާއްޖޭގެ މަޖިލިސް މެމްބަރުންނާއި ސިޔާސީ ބައެއް އެހެން މީހުން ވެސް އުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލެއް ލިބޭނީ ސިޔާސީ މީހުންނާއި ވެރިން އެކަން ހުއްޓުވަން އިހުލާސްތެރި މަސައްކަތްތަކެއްކޮށްގެން ކަމަށެވެ.
"ޑްރަގް ޑީލްކުރުމުގައި ބައެއް އެމްޕީންނާއި ސިޔާސީ ބައެއް މީހުން އުޅޭކަން އެންމެންނަށް އެނގޭ." އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ހައްލެއް ގެންނަން ބޭނުންވާ ނަމަ އެފަދަ މީހުންނަށް ރައްޔިތުން ވޯޓް ވެސް ދިނުން ހުއްޓާލަން ޖެހޭ ކަމަށެވެ.
"އެ މީހުންނަށް ވޯޓް ނުދީ. ކޮމްޕްރޮމައިޒް ނުވާނެ މީހަކު [ރައްޔިތުން] ހޮވާ." އާދަމް ޝަރީފް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު ވަބާ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި އޭގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ. އަދި ފަހަކަށް އައިސް ބޮޑެތި އަދަދުތަކުން އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަދަދު ވެސް އިތުރުވެފައިވެ އެވެ.