ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ބާއްވާ ޖަލްސާ 2023 ފެބުރުވަރީގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނެފައިވަނީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ފެބުރުވަރީމަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. މި ޖަލްސާއަކީ ކުރިން މި ހިންގާ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖައްސާފައިއޮތް ޖަލްސާއެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، ހަނދާނީ ލިޔުމެކެވެ.
މި އިނާމަށް އެދި މިއަހަރު 110 ބޭފުޅަކު ނަން ހުށަހަޅުއްވައިފައިވެއެވެ. މިއަހަރު އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވީ، ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލުކަމާއި އިހުލާސްތެރިކަމާއެކު ކޮށްފައިވާ ހިދުމަތްތަކަށާއި، އެ މުއައްސަސާއެއްގެ ކުރިއެރުމަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެގޮތުން މިދިޔަ އަހަރު ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.