އައްޑޫގެ ރަށްވެހިކަމާއި ގުޅުވައިގެން އައްޑޫގައި ގެސްޓް ހައުސް ހެދުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
ކައުންސިލް އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގެ ރަށްވެހިކަމާއި ގުޅުވައިގެން ގެސްޓް ހައުސްގެ ފަތުރުވެރިކަމުގެ ވިޔަފާރިއާއި، އަދި އެވިޔަފާރިއާ ގުޅޭ އެންމެހާ ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިއަދު މި ހުޅުވާލަނީ " އައްޑޫ ގެސްޓް ހައުސް ވެންޗަރ" މީ ގާތްގަޑަކަށް 20 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ޕްރޮޖެކްޓެއް"
ސޯބެ ވިދާޅުވީ އައްޑޫ ގެސްޓް ހައުސް ވެންޗާގެ ސަބަބުން 2000 އެނދު ހެދިގެން ދާނެކަމަށެވެ. އަދި މީގެ ސަބަބުން 5000 އެއްހާ ވަޒީފާ އައްޑޫގައި އުފެދިގެންދާނެކަމަށެވެ.
އައްޑޫ ގެސްޓް ހައުސް ވެންޗާގެ ދަށުން 6 ސަރަހައްދެއްގައި ގެސްޓް ހައުސް ތަރައްޤީ ކުރުމަށްވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ ހިތަދޫ، މަރަދޫ، އަދި ހުޅުމީދޫގެ ސަރަހައްދުތަކެވެ.
ކައުންސިލުން މިއަދު ހުޅުވާލި ފުރުސަތުގެ ދަށުން، 6 ޑައިވިން ސެންޓަރާއި، 6 މޫދު ކުޅިވަރު ސެންޓަރުގެ އިތުރުން 6 ރެސްޓޯރެންޓް ހެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ސެއިލިން ކްލަބަކާއި ގޮލްފް ކްލަބެއްގެ އިތުރުން ކޮންވެންޝަން ޓޫރިޒަމް ފުޅާ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ސޯބެ ވިދާޅުވީ މިކަމާއި ގުޅޭ މައުލޫމާތު ސެޝަނެއް މާލެ އާއި އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ވެންޗާރ އާއިގުޅޭގޮތުން މަޢުލޫމާތު ދިނުން 18 މެއި 2014 ވަނަ ދުވަހު މެންދުރުފަހު 2.00 ގައި މާލޭ ސިޓީ ހޯލްގައި އަދި 20 މެއި 2014 ވަނަ ދުވަހު އައްޑޫ ސިޓީ ހޯލްގައި މެންދުރު ފަހު 2.00 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އައްޑޫ ގެސްޓް ހައުސް ވެންޗާގެ ދަށުން ގެސްޓްހައުސް ޢިިމާރާތް ކުރުމަށް ބޭނުންވާ ބިން، 25 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް، ނުވަތަ ބިމުގެ ވެރިފަރާތް، އެވިޔަފާރީގެ %10 ގެ މިންވަރަށް ޙިއްޞާވާ ގޮތަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އަދި ގެސްޓްހައުސް ޢިިމާރާތްކުރުމަށް ހިނގާނެ ޚަރަދުގެ %70 ގެ ލޯނު ފައިސާ ހޯދައިދިނުމަށްވެސް އެހީތެރިވުމަށް ހަމަޖެހިފައިވާކަމަށް ސޯބެ ވިދާޅުވިއެވެ.
އައްޑޫގައި ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ކައުންސިލުން ފުރުސަތު ހުޅުވާލި އިރު މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ ކައުންސިލާއި ގުޅިގެން ގެސްޓް ހައުސް ތަރައްޤީ ކުރުމަށް ހާއްސަ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފައެވެ.
ސޯބެ ވިދާޅުވީ ކައުންސިލުން ކުރިއަށްގެންދާ ގެސްޓް ހައުސް ސިޔާސަތާއި ގުޅޭ ހުރިހާ ލިއުންތަކެއް ޓޫރިޒަމް މިނިސްޓްރީ އާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމަށް މިނިސްޓްރީ އެއްބާރުލުން ލިބެމުން އަންނަ ކަމަށެވެ.