Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މިދިޔަ މަހު ކުޑަކުދިންނާ ބެހުމުގެ 28 މައްސަލައެއް

ޖިންސީ އަނިޔާއާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަވަސް

މި ދިޔަ މަހު ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 28 މައްސަލަ ހިމެނޭކަން ޕީޖީ އޮފީހުން ހާމަކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނޮވެމްބަރު 2022 ގެ ތަފާސްހިސާބު ޕީޖީ އޮފީހުން ހާމަކޮށްފައިވާއިރު، މިދިޔަ މަހު ވަނީ ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސެކިއުޝަނަށް ޖުމުލަ 273 މައްސަލައެއް ހުށަހަޅާފައެވެ. އޭގެތެރެއިން 103 މައްސަލައެއް ބަލައިގެންފައިވާއިރު، 41 މައްސަލަ ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ. 69 މައްސަލައެއް އިތުރު މައުލޫމާތު ސާފުކުރުމަށް އަނބުރާ ފޮނުވާލިއިރު 60 މައްސަލައެއް އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަސް ޕީޖީން މައުލޫމާތުދެއެވެ.

މިދިޔަ މަހު ޕީޖީ އޮފީހަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެތީގެ 87 މައްސަލަ ހުށަހަޅާފައިވާއިރު ވައްކަމުގެ 38 މައްސަލަ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ 28 މައްސަލަ، މާރާމާރި ހިންގުމުގެ 22 މައްސަލަ، މަކަރާ ހީލަތުގެ 19 މައްސަލަ އަދި ބަނގުރަލުގެ 11 މައްސަލަ ހުށަހަޅާފައިވެއެވެ.

މިނިމުނު ނޮވެމްބަރު މަހު ޕީޖީ އޮފީހުން ވަނީ މަސްތުވާތަކެތީގެ 61 މައްސަލައެއް ކޯޓަށް ހުށަހަޅާފައެވެ. މީގެއިތުރުން ވައްކަމުގެ 23 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ 20 ކޯޓުތަކަށް ހުށަހަޅާފައިވެއެވެ.

މިދިޔަ މަހު ކޯޓުތަކަށް ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ 4 ދައުވާއާއި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާއެއް ހުށަހަޅާފައެވެ.