7 ރަށެއްގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ހޮސްޕިޓަލުތައް އެޅުމަށް ހަމަޖެހިފައިވަނީ ހދ.ހަނިމާދޫ، ށ.މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ.މާމިގިލި، ވ.ފެލިދޫ އަދި ތ.ވިލުފުށީގައެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި ހޮސްޕިޓަލުތައް އެޅުމަށް ހަމަޖެހިފައިވަނީ ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް މިހާރުވަނީ ބީލަމަށް ހުޅުވާލާފައިhttps://t.co/b1GKw86KWu#hamahama4 pic.twitter.com/8Z8aMjP40z
— Ministry of Finance (@MoFmv) December 7, 2022
މި ޕްރޮޖެކްޓުތަކަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކަން ޖެހެނީ 35,000.00 ޔޫއެސް ޑޮލަރެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ކަމަށެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.
މި ބީލަމުގައި ބައިވެރިވުމަށް -/1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭއިރު ފައިސާ ބަލައިގަންނާނީ 8 ނޮވެންބަރު 2022 އިން 28 ޑިސެންބަރު 2022 އަށް ކަމަށް ފިނޭންސުން މައުލޫމާތުދެއެވެ. މި ބީލަންތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުރި ޝަރުތު ފުރިހަމަވާ ފަރާތްތަކުން 13 ޑިސެންބަރު 2022ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް ކުރުމުން އިތުރު މައުލުމާތު ސާފުކުރެވޭނެ ކަމަށް ފިނޭންސުން މައުލޫމާތުދެއެވެ.
ބިޑު ހުޅުވުން އޮންނާނީ 2 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 13:00ގައި ފިނޭންސްގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.