އައްޑޫ ހިތަދޫ ކަސަބާ ފުޓްސަލް ދަނޑު ހަދަން ކައުންސިލުން ބަޔަކާ ހަވާލުކުރިތާ އެތައް ދުވަހެއްވީ އިރު ވެސް މަސައްކަތް ފެށި ނުވާތީ އެ އަވަށު ޒުވާނުންތަކެއް ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެ ދަނޑު ހަދަން ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ނޫރައްދީން އިންވެސްޓްމަންޓާ ކައުންސިލުން ހަވާލުކުރީ ސެޕްޓެމްބަރު 20 ގަ އެވެ. އެއީ 80 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މާދަމަ އަކީ ކައުންސިލުން ނޫރައްދީން އިންވެސްޓްމަންޓާ މަސައްކަތް ހަވާލުކުރިތާ ވެސް 80 ދުވަސް ހަމަވާ ދުވަހެވެ.
ނަމަވެސް މަސައްކަތް ހަވާލުކުރިތާ ތިން މަހެއްހާ ދުވަސްވީ އިރު، ދަނޑުގެ އެއްވެސް މަސައްކަތް ފެށިފައެއް ނުވެ އެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރާ ޒުވާނުން ބުނާ ގޮތުގައި ކަސަބާ ދަނޑަކީ އެ ދާއިރާއަށް އިންތިހާބުވެފައި މީހުންނަށް ރަންބިސް އަޅާ ކުކުޅެއް ކަމަށެވެ.
އެ ދަނޑު ހަދާނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށްލީ މި އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ. ކަސަބާ ފުޓްސަލް ދަނޑު ހަދަން ބަޔަކާ ހަވާލުކުރި އިރު، އައްޑޫ ސްޓޭޑިއަމާ ދިމާލުން 2016 ގައި ހަދަން ފެށި ފުޓްސަލް ދަނޑެއްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާ ވެސް ހިތަދޫގެ ކުލަބަކުން މި އަހަރުގެ ކުރީކޮޅު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.