ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރަށް ގެއްލުން ލިބޭގޮތަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ޓްވީޓް ކުރި މައްސަލައިގައި ޝަރީފާ ދެކޮޅަށް ރައީސް ނަޝީދު ކުރެއްވި ދައުވާ ކޯޓުން ބަލައިގެންފިއެވެ.
ރައީސް ނަޝީދު، ޝަރީފާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅުއްވި ދައުވާ އެ ކޯޓަށް ބަލައިގަނެފައިވަނީ އިއްޔައެވެ.
މި މައްސަލައިގައި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން މީގެކުރިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ އަބުރާ ބެހި، އަބުރަށް ގެއްލުން ލިބޭގޮތަށް ޝަރީފް ޓްވީޓް ކޮށްފައިވާތީ އަބުރާބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދި ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަަމަށެވެ.
ރައީސް ނަޝީދުގެ ފަރާތުން އެދިފައިވަނީ ޝަރީފް "ޓްވީޓް ގައި ލިޔެފައިވާ ދޮގުތަކުގެ ސަބަބުން" އެމަނިކުފާނަށް ލިބިވަޑައިގަނެފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދިހަ މިލިއަން ރުފިޔާ ނަގަައިދިނުމަށެވެ.
"މިހުރިހާ އިލްޒާމްތަކެއް މުޙައްމަދު ނަޝީދު ދޮގުކުރައްވައެވެ." ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޝަރީފް ކުރި ޓްވީޓްތަކެއްގައި ބުނެފައިވަނީ ރައީސް މައުމޫނުގެ ވެރިކަން ވައްޓައިލުމަށް ފަންސާސް މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވިކަމަށެވެ. އަދި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީގުރޫޕުން ޤަރާރެއް ފާސްކުރިކަމަށެވެ. ޝަރީފް އިތުރަށް ބުނެފައިވަނީ ނަޝީދު 50 މީހުން މަރަން އުޅުނީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށެވެ. އަދި ރާވާފައި އޮތީ އެ ކުލީ ސިފައިން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށް ޝަރީފް ތުހުމަތު ކޮށްފައިވެއެވެ.