ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސޮއި ކުރައްވައިފިއެވެ.
ތައުޒިޔާގެ ދަފުތަރުގައި ރައީސް ސޯލިހް ލިޔުއްވި ބަޔާނުގައި އެމަނިކުފާނު ވަނީ، ސަމަރުބްލޫ އިބްރާހީމް މަނިކު އަވަހާރަވުމަކީ، ދިވެހިރާއްޖެއަށް ލިބުނު ނުހަނު ބޮޑު ދެރައެއްކަމުގައި ފާހަގަކުރައްވާފައެވެ. ހާއްސަކޮށް ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ސަމަރުބްލޫ އިބްރާހީމް މަނިކު ހިދުމަތްކުރެއްވި 27 އަހަރަށްވުރެ ދިގު މުއްދަތުގައި ވަރަށް ރިވެތި ނަމޫނާއެއް ދައްކަވައިފައިކަމަށް ރައީސްގެ ބަޔާނުގައި ލިޔުއްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ކުޅިވަރާއި މުނިފޫހިފިލުމުގެ ދާއިރާއިން ދިވެހި ފަންނާނުން އުފެއްދުމުގައި ސަމަރުބްލޫ އިބްރާހީމް މަނިކުގެ ހިއްސާ ވަރަށް ބޮޑުކަމަށް ރައިސްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. އަދި ރޭޑިއޯ އާއި ޓީވީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އިބްރާހީމް މަނިކު އަވަހާރަވީ ނޮވެމްބަރު 30 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 72 އަހަރެވެ.
އިބްރާހީމް މަނިކަކީ ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާގައި، ހާއްސަކޮށްފ ދިވެހިރާއްޖޭގެ އަޑުގައި އަމަލީގޮތުން ވަރަށްގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އަދި އާންމުން ޝައުޤުވެރިވި އެތައް ޕްރޮގްރާމްތަކެއް ހުށަހަޅުއްވައި، މި ދާއިރާއަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
އިބްރާހީމް މަނިކަކީ، 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ބްރޯޑްކާސްޓިންގ ދާއިރާގެ އިތުރުން، އެ މަނިކުފާނަކީ މިނިސްޓަރ އޮފް ޔޫތު، ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސް ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅެކެވެ. އޭގެފަހުން، ކޮމިއުނިޓީ އޯގަނައިޒޭޝަންސް ޑިވެލޮޕްމަންޓްގެ ޗެއަރމަން ކަމުގެ މަގާމުވެސް ފުރުއްވިއެވެ. އަދި 6 އޮގަސްޓު 2008 ގައި ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ދިވެހި ދައުލަތުގެ މިނިސްޓަރު ކަމުގެ މަގާމުގައެވެ.