Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ރެއާލް މެޑްރިޑްގެ ވިންގާ އެޑެން ހަޒާޑް ބެލްޖިއަމް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 31 އަހަރުގެ ހަޒާޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިމިވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކަޓާފައިވާ ދަނޑިވަޅެއްގަ އެވެ. ހަޒާޑަކީ ބެލްޖިއަމް ގައުމީ ޓީމުގެ ކެޕްޓަނެވެ.

ހަޒާޑް ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެން ފެށި އުމުރުން 17 އަހަރުގަ އެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން ބެލްޖިއަމްގެ ގައުމީ ޓީމަށް ހަޒާޑް ވަނީ 126 މެޗު ކުޅެދީ 33 ގޯލް ކާމިޔާބުކޮށްފަ އެވެ.

ބެލްޖިއަމް ގައުމީ ޓީމާއެކު މާބޮޑު ކާމިޔާބެއް ހަޒާޑަށް ހޯދިފައި ނުވާއިރު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރުކުރި ބެލްޖިއަމް ޓީމުގައި މުހިއްމު ދައުރެއް އޭނާ އަދާކޮށްފައިވެ އެވެ.

ބެލްޖިއަމްގެ ގައުމީ ޓީމަށް ހަޒާޑް ކުޅުން ހުއްޓާލިއިރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާ ގުޅިގެން އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މިއީ 1998 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓި ފުރަތަމަ ފަހަރެވެ.