Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަކްޝޭ އާއި ޓައިގާގެ ފިލްމަށް ވިލަންއެއް ލިބިއްޖެ

ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އަކްޝޭ ކުމާރާއި ޓައިގާ ޝްރޮފްގެ އެކްޝަން ކޮމެޑީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ވިލަންއަކަށް މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަން ހަމަޖައްސައިފި އެވެ.

އޭނަ ފިލްމުން ފެންނާނެ ގޮތުގެ ޕޯސްޓަރެއް ވެސް މިއަދު ވަނީ ދައްކާލައިފި އެވެ. "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓްކުރާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގައި ޕްރިތުވާރީޖް ކުޅޭނީ ކަބީރް ކިޔާ ވަރަށް ވަރުގަދަ ނެގަޓިވް ކެރެކްޓާއެކެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ 40 އަހަރުގެ އެކްޓަރު ކުރިން ވެސް ބޮލީވުޑްގެ ފިލްމުތަކެއްގައި މަސައްކަތްކުރި އެެވެ. އެއީ ބަތަލާ ރާނީ މުކަރްޖީއާ އެކީ ކުޅުނު 2012 ގެ "އައްޔާ" އާއި އަރުޖުން ކަޕޫރްގެ 2013 ގެ "އޯރެންގަޒަބް" ގެ އިތުރުން އަކްޝޭ ރޯލެއް ކުޅުނު 2017 ގެ "ނާމް ޝަބާނާ" އެވެ.

ޕްރިތުވީރާޖް އާންމުކޮށް ކުޅެނީ މަލަޔާޅަމް ފިލްމުތަ ކަމަށް ވިޔަސް އޭނަ ތެލެގޫ އާއި ތަމަޅަ ފިލްމުތަކުގައި ވެސް މަސައްކަތްކުރެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސައިފް އަލީ ޚާންގެ ދޮށީ ފިރިހެން ދަރިފުޅު އިބްރާހީމް އަލީ ބޮލީވުޑަށް ތައާރަފުކުރަން ހަދަން ނިންމާފައިވާ ފިލްމުގެ ރޯލަކުން ވެސް ޕްރިތުވީރާޖް ފެންނާނެ އެވެ. އޭގެ ކާސްޓްގައި ކާޖޮލް ވެސް ހިމެނޭ ކަމަށްވެ އެވެ.

ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު، މި ފިލްމަކީ އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި މަންޒަރުތައް ނަގާނެ ބޮޑު ބަޖެޓް ފިލްމެކެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ ޑިސެމްބަރު މަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ބަޅޭ މިޔާ ޗޯޓޭ މިޔާ" ބަތަލާއިންނަކީ ޖާންވީ ކަޕޫރާއި 2017 ގެ މިސް ވޯލްޑް މަނޫޝީ ޗިލާރެވެ. އަދި އިތުރު ބަތަލާއަކު ވެސް ފިލްމުގައި ހިމެނޭނެ އެވެ.