Last Updated: June 29, 13:53
Monday, June 29, 2026
ޚަބަރު

އައްޑު އަށް އިތުރު ދެ ޖަނަރޭޓަރު ގެންނަނީ

އާރްއޭފް ގައި ހުންނަ މައި އިންޖީނުގެ-

އައްޑޫގެ ކަރަންޓް ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް 800 ކިލޯ ވޮޓްގެ ދެ ޖަނަރޭޓަރު އައްޑޫއަށް ފޮނުވާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އައްޑޫގެ ކަރަންޓް ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ދެ ޖަނަރޭޓަރު ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ދެ ޖަނަރެޓަރު އައްޑު އަށް ފޮނުވާފައި. އޭގެ ތެރެއިން އެއް ޖަނަރޭޓަރަކީ އޭއެފްސީ ޗެލެންޖް ކަޕްގައި ބެކްއަޕް ޖަނަރޭޓަރެއްގެ ގޮތުގައި ބޭނުން ކުރުމަށް ގެންދާ ޖަނަރޭޓަރެއް. އަނެއް ޖަނަަރޭޓަރު އައްޑޫގައި އެއްކޮށް ބަހައްޓާ ގޮތަށް ގެންދާ އެއްޗެއް." އޭނާ ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އައްޑު އަށް ގެންދާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ޗެލެންޖް ކަޕް ނިމުމުން ލ. އަތޮޅަށް ފޮނުވާލާނެ ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން އެއްގަޑިއިރަށް ކަރަންޓް ކަޑަން އިއްޔެއިން ފެށިގެންވަނީ ފަށާފައެވެ. މަރުކަޒީ އިންޖީނުގެއިން ގޭގެ އަށް ފޮނުވާފައިވާ ލިއުމުގައި ވަނީ އިންޖީނުތައް މަރާމާތު ކުރުމަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންދާނެ ކަމަށެވެ.

ނިމާލް ވިދާޅުވީ މަރުކަޒީ އިންޖީނުގޭގައި މަރާމާތަށް ރޫޅާލާފައިވާ 1.6 މެގަވޮޓްގެ އިންޖީނަށް ބޭނުންވާ ސްޕެއާ މިއަދު ކަސްޓަމްސް އިން ކްލިއާކޮށް ދެ ދުވަހެއްގެ ތެރޭ އައްޑޫއަށް ފޮނުވާލާނެކަމަށެވެ.

"1.6 މެގަވޮޓް އިންޖީނަށް ބޭނުންވާ ސްޕެއާ މިއަދު ކްލިއާ ކުރާނެ، މި ބަލަނީ ދެ ދުވަހެއްގެ ތެރޭ އެ ސާމާން އައްޑޫއަށް ފޮނުވާލެވޭތޯ"

ނިމާލް ވިދާޅުވީ ސަރުކާރުން މިދިޔަ އަހަރު އައްޑޫއަށް ފޮނުވި 800 ކިލޯވޮޓްގެ ޖަނަރޭޓަރުވެސް އިންސްޓޯލް ކޮށް ނިމިފައިވާ ކަމަށެވެ. އެހެންކަމުން ލަސްތަކެއް ނުވެ ކަރަންޓްގެ މައްސަލަ ހައްލުވެގެންދާނެކަމަށެވެ.

ވަހީދު ސަރުކާރު ދުވަސްވަރު އައްޑޫއަށް ގަންނަން ބުނި 2 މެގަވޯޓް އިންޖީނާއި ގުޅޭގޮތުން ނިމާލް ވިދާޅުވީ، އެ އިންޖީނުވެސް ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.