Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

މޯލްޑިވިއަންގެ އުދުހުންތަކަށް އާ ދެ ބޯޓު ގެންނަނީ

މޯލްޑިވިއަންއިން އަލަށް ގެންނަ އޭޓީއާރު ---

މޯލްޑިވިއަންއިން ގަނެފައިވާ އޭޓީއާރު ތަކުގެ ތެރެއިން ދެ ބޯޓެއް މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.

މޯލްޑިވިއަންގެ ފްލީޓް ބާވެ ދުވަސް ވުމުގެ ސަބަބުން ފްލައިޓުތައް ގްރައުންޑުވުން ވަނީ އިތުރުވެފައެވެ. މިފަދަ ކަންކަމާއި ހެދިއާއި އެކު، މޯލްޑިވިއަންގެ ފްލީޓް ބަދަލު ކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ ފަށާފައެވެ. މިގޮތުން އޭޓީއާރު މަރުކާގެ 600-72 ގެ ދެ ބޯޓާއި އާއި 400-72 ގެ ބޯޓެއް ވަނީ ގަނެފައެވެ. މީގެ ތެރެއިން ދެ ބޯޓު މިމަހުގެ ތެރޭގައި ލިބޭނެ ކަމަށް މޯލްޑިވިއަން ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އައިޝަތު ޖެނިފަރ އައްޑޫލައިވްއަށް ވިދާޅުވީ، މޯލްޑިވިއަން ގަނެފައިވާ ބޯޓު ތަކުގެ ތެރެއިން ދެ ބޯޓު މިމަހުގެ ތެރޭ ލިބޭނެ ކަމަށާއި ނަމަވެސް އެ ބޯޓުތައް ލިބޭނެ ސީދާ ތާރީޙެއް ބުނަން ދަތި ކަމަށެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅަށް 3 ވަނަ ބޯޓުވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ އޭޓީއާރު މިމަސްތެރޭ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މި ބޯޓުތައް ޓެސްޓު ދަތުރު ކުރަން ފަށާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ބޯޓުތަކުގެ ފޮޓޯވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މޯލްޑިވިއަން އަށް އިތުރުކުރެވޭ ބޯޓުތަކަކީ ތިމާވެއްޓަށް ގެއްލުންދޭ ވިހަ ބޭރުކުރާވަރު މަދު PW12XT ގެ އިންޖީނާއެކު ގަނެވޭ ބޯޓު ތަކެއް ކަމަށާއި، މި އިންޖީނުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދައިން ތިން ޕަސެންޓް އަދި މެއިންޓެނަންސް އަށް ކުރާ ހަރަދުގެ 20 ޕަސެންޓް ކުޑަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ފެންވަރު ރަނގަޅުކޮށް ވައިގެ ދަތުރުފަތުރުން ރަށްތައް ގުޅާލުމަށްކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ދޭ ހިދުމަތްތައް ވެސް މިހާރަށްވުރެ އިތުރަށް ފުރިހަމަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.