Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ބްރެޒިލުން އިތުރު ނެށުންތަކެއް ދައްކާލަން ބޭނުން

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދައްކާލަން ބޭނުންވާ އިތުރު ނެށުންތައް އަދިވެސް އެބަހުރި ކަމަށް ބްރެޒިލްގެ ވިންގާ ވިނީޝަސް ޖޫނިއާ ބުނެފި އެވެ.

ވޯލްޑް ކަޕްގައި ބްރެޒިލްގެ ކުޅުންތެރިން ގޯލް ޖެހުމަށްފަހު ނަށާއިރު، މި ނެށުންތައް އެންމެ ރަނގަޅަށް ފެނިގެންދިޔައީ މުބާރާތުގެ ދެވަނަ ބުރުގައި ދެކުނު ކޮރެޔާ އަތުން 4-1 އިން ބްރެޒިލް މޮޅުވި މެޗުގަ އެވެ. އެގޮތުން ކޮންމެ ގޯލަކަށްފަހު ބްރެޒިލްގެ ކުޅުންތެރިންގެ ނެށުންތައް ފެނިފައިވާއިރު، އެ މެޗުގައި ބްރެޒިލްގެ ކޯޗު ޓީޓޭގެ ނެށުމެއް ވެސް ފެނިފައިވެ އެވެ.

ބްރެޒިލްގެ ކުޅުންތެރިންގެ ނެށުންތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް އަމާޒުވެފައިވާއިރު ވިނީޝަސް ބުނީ ބަޔަކު އުފަލުން ތިބޭތަން ފެންނަނަމަ އަބަދުވެސް އެކަމާ ޝަކުވާ ކުރަން ބޭނުންވާ ބަޔަކު ތިބޭނެ ކަމަށާއި ބްރެޒިލްގެ ރައްޔިތުންނަކީ އަބަދުވެސް އުފަލުގައި ތިބެން ބޭނުންވާ ބައެއް ކަމަށެވެ.

ފުޓްބޯޅަ މެޗެއްގައި އެންމެ މުހިއްމު އެއްޗަކީ ގޯލު ކާމިޔާބު ކުރުން ކަމަށާއި އަދި ވަކިން ހާއްސަކޮށް ވޯލްޑް ކަޕެއްގައި ގޯލު ކާމިޔާބު ކުރެވުމަކީ ހާއްސަ ކަމެއް ކަމަށް ވިނީޝަސް ބުންޏެވެ. އެގޮތުން ވޯލްޑް ކަޕެއްގައި ގޯލު ކާމިޔާބު ކުރެވުމަކީ ކުޅުންތެރިންގެ އިތުރުން މުޅި ގައުމަށް ވެސް ލިބިގެންދާ އުފަލެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރަމެން ދައްކާލަން ބޭނުންވާ އިތުރު ނެށުންތައް އަދިވެސް އެބަހުރި. އެކަން ކުރުމަށް އެބަޖެހޭ ރަނގަޅަށް ކުޅެ، މެޗުތަކުން މޮޅުވާން. އުއްމީދަކީ ގިނަ ނެށުންތައް ދައްކާލައި، މޮޅަށް ކުޅެ ފައިނަލާއި ހަމައަށް ދެވުން." ވިނީޝަސް ބުންޏެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި ބްރެޒިލް ބައްދަލުކުރާނީ ކްރޮއޭޝިއާއާ އެވެ. އެ މެޗު އޮންނާނީ މާދަމާ ރެ އެވެ.