ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ހުއްޓުވަން ކުރަންވީ ކަންތައް އެނގޭ ކަމަށް އިންގްލެންޑްގެ ފުލްބެކް ކައިލް ވޯކާ ބުނެފި އެވެ.
ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި ފްރާންސް އާއި އިންގްލެންޑް ބައްދަލުކުރަން ޖެހޭއިރު މިވަގުތު އެންމެ ފޯމުގައި ހުރި އެއް ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އެގޮތުން އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕްގައި ފަސް ގޯލް ކާމިޔާބުކޮށްފަ އެވެ.
ފްރާންސްއާ ދެކޮޅަށް އިންގްލެންޑް ކުޅޭއިރު އެމްބާޕޭ ހުއްޓުވުމުގެ ޒިންމާ އަދާކުރާނެ ކުޅުންތެރިއަކީ ވޯކާ ކަމަށްވާއިރު އޭނާ ބުނީ އެމްބާޕޭ ހުއްޓުވަން ކުރަންޖެހޭ ކަންތައް އެނގޭ ކަމަށާއި ނަމަވެސް އެއީ ބުނެލާ ބަހަކަށް ވުރެ ކުރަން އުނދަގޫ ކަމެއް ކަމަށެވެ. އެމްބާޕޭ އަކީ މޮޅު އަދި ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާ އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމަށް ގަބޫލުކުރާ ކަމަށްވެސް ވޯކާ ބުންޏެވެ.
މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ވޯކާ މީގެކުރިން ވަނީ ޗެމްޕިއަންސް ލީގުގައި ހަތަރު ފަހަރެއްގެ މަތިން އެމްބާޕޭއާ ދެކޮޅަށް ކުޅެފަ އެވެ.
ވޯކާ ބުނީ މީގެކުރިން އެމްބާޕޭއާ ދެކޮޅަށް ކުޅެފައިވުމަކީ މި މެޗަށް ނިކުންނައިރު ލިބޭނެ އެހީއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ. އެމްބާޕޭ ހުއްޓުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ނަމަވެސް ބޭނުން ވަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންނާ ދެކޮޅަށް ކުޅެން ކަމަށްވެސް އޭނާ ބުންޏެވެ.
އިންގްލެންޑް އާއި ފްރާންސް އެންމެފަހުން ބައްދަލުކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އެ މެޗު 3-2 އިން ކާމިޔާބުކުރީ ފްރާންސުންނެވެ.