މި އަހަރު އެންމެ ގިނައިން މުޅި ދުނިޔޭގައި ވެސް ގޫގުލްގައި ސާޗްކުރި ބަހަކީ "ވޯޑްލް" ކަމަށް އަހަރީ ސާޗް ރިޕޯޓްގައި ބުނެފި އެވެ.
އޭގައި ބުނެފައިވާ ގޮތުގައި މުޅި ދުނިޔޭގައި އެންމެ ގިނައިން ސާޗްކުރުމުގެ އިތުރަށް މުޅި އެމެރިކާގައި ވެސް މި އަހަރު އެންމެ ގިނައިން ސާޗްކުރި ބަހަކީ "ވޯޑްލް" އެވެ. މި ބަހަކީ މި އަހަރުގެ ކުރީކޮޅު ވައިގައި ހިފި ބަސް ހެދުމަށް ހާއްސަ ގޭމަކަށް ކިޔާ ނަމެކެވެ. އަދި އެ ނިސްބަތް ވަނީ އެމެރިކާގެ ސޮފްޓްވެއާ އިންޖިނިއަރު ޖޯޝް ވާޑްލްއަށެވެ.
"ވޯޑްލް" ވެގެން ދިޔައީ މިދިޔަ އަހަރުގެ ކުރީކޮޅު ވަރަށް ބޮޑަށް ޓްރެންޑްވީ ޑެއިލީ ގޭމަކަށެވެ. މި ޕަޒުލް ގޭމްގައި ކޮންމެ ދުވަހަކު ފަސް އަކުރުގެ ބަހެއް ދިމާކުރަން ދޭނެ އެވެ. ބަސް ދިމާކުރަން ފަސް އަކުރުގެ ހަ ބަހެއް ވެސް ހެދިދާނެ އެވެ. އަދި ދުވަހުގެ ބަހުގައި ހިމެނޭ އަކުރެއް، ގޭމް ކުޅޭ މީހާ ބުނާ ބަހުގައި ހިމެނި އެކަމަކު ނުބައި ތަނެއްގައި އިން ނަމަ އެ އަކުރެއް ރަން ކުލައިން ދިއްލޭނެ އެވެ. ބަހުގެ ހިމެނޭ އަކުރެއް އިންނަންވީ ތަނާ ވެސް ދިމާވާ ނަމަ ފެހި ކުލައިން ދިއްލޭނެ އެވެ. އަކުރު ނެތް ނަމަ އިންނާނީ އަޅި ކުލައިގަ އެވެ.
ލިބޭ ހަ ފުރުސަތުގެ ތެރޭގައި ބަސް ދިމާކުރެވިއްޖެ ނަމަ، ދިމާކުރީ ކިހާ އަވަހަކަށްކަން ބަޔާންކޮށް ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރެ އެވެ. އެކަމަކު ގޭމް ކުޅޭ އެންމެ އެ ދުވަހަކު ދިމާކުރަން ޖެހެނީ އެއް ބަހެއް ކަމަށްވާތީ މިގޮތަށް ސޯޝަލް މީޑިއާ އަށް ލަނީ ގޭމް ކުޅެމުންދާ މީހުންގެ ފޯރި ނުކެނޑޭ ގޮތަށެވެ.
"ވޯޑްލް" އަކީ ހިލޭ ކުޅެވޭ ގޭމެކެވެ. މި ގޭމް ވައިގައި ހިފިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ ވަނީ އެމެރިކާގެ މަޝްހޫރު ދުވަހު ނޫހެއް ކަމަށްވާ ނިއު ޔޯކް ޓައިމްސް އަށް ވިއްކާލއިފި އެވެ. އޭގެ ފަހުން ގެނައި ބައެއް ބަދަލުތަކާ އެކީ ބަސްތައް ދިމާކުރަން އުނދަގޫވުމުގެ ޝަކުވާތައް ވަރަށް ގިނަވި އެވެ.
އެގޮތުން ގޭމްގެ އޮރިޖިނަލް ވެބްސައިޓާއި ނޫހުގެ ވެބްސައިޓްގައި ދިމާކުރާ ބައެއް ބަސްތައް ދިމާނުވުމުގެ ޝަކުވާ އިތުރުވި އެވެ. އެ ގޭމްގައި ކޮންމެ ދުވަހަކު، އެންމެން ވެސް ދިމާކުރަން ޖެހެނީ ފަސް އަކުރު ހިމެނޭ އެއް ބަހެކެވެ. ނަމަވެސް ނިއު ޔޯކް ޓައިމްސް އިން ގޭމް ގަތް ފަހުން ވަނީ ފަސް އަކުރުގެ ބައެއް ބަސްތައް އޭގެން ނުފެންނާނެ ގޮތް ހެދި އެވެ.