Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ޒަރިޔަންދަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދެއް

ޒަރިޔަންދު ބްރެޒިލްގެ ސަޕޯޓަރަކާ އެކީ.

މިހާރު ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕެއްގެ ކުޅުންތެރިންތަކަކާ ބެހޭ ގޮތުން ރާއްޖޭގެ އެނަލިސްޓެއް ކަމަށްވާ އަދި ކުރީގެ މަޝްހޫރު ގޯލް ކީޕަރު އިސްމާއީލް ޒަރިޔަންދު ކުޅުންތެރިންތަކަކަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަކަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަން ސިޔާސީ ކުރަން އުޅޭ ކަމަށް ބުނެ ރައްދު ދީފި އެވެ.

ދައުލަތު މީޑިއާ ޕީއެސްއެމްގެ ދަށުން ހިންގަމުން އަންނަ ޔެސް ޓީވީގެ ވޯލްޑް ކަޕްގެ ކަވަރޭޖްގައި އިއްޔެރޭ ސްޕެއިނާއި މޮރޮކޯ ކުޅުނު މެޗް ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން 3-0 އިން މޮރޮކޯ މޮޅުވުމުން ޒަރިޔަންދު ބާސެލޯނާގެ އެ ދެ ކުޅުންތެރިއަކަށް ނިސްބަތްކޮށް "ހަން ކަޅު ދެ ކުޅުންތެރިން އަރުވައިގެން ވެސް ފައިދާއެއް ނުކުރި" ކަމަށް ބުނެފައިވެ އެވެ.

ސްޕެއިންގެ ޓީމުގައި ކަޅު ނަސްލުގެ ދެ ކުޅުންތެރިއަކު ހިމެނެ އެވެ.

ނަމަވެސް މެޗެއްގެ އެނަލިސްޓަކު ކުޅުންތެރިންތަކެއްގެ ކުލައާ ގުޅުވައި ފާޑުކިޔުމުން ސްޕެއިންގެ ދިވެހި ސޕޯޓަރުންގެ މެދުގައި ވެސް ނުތަނަސްވަކަން އުފެދި ޒަރިޔަންދަށް ސޯޝަލް މީޑިއާގައި ފާޑު ކިޔާފައިވެ އެވެ. އަދި އޭނަ އަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ މީހެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޒަރިޔަންދު ކުރި ޓްވީޓެއްގައި ބުނީ އޭނަ އަކީ އަބަދު ވެސް ހުރިހާ ކުޅުންތެރިން ދެކެ ވަރަށް ލޯބިވާ އަދި އިހުތިރާމުކުރާ މީހެއް ކަމަށެވެ.

"ކުޅިވަރުގައި އޮންނާނީ މޮޅާއި ބަލި. އެހެންވެ އެކަން ސިޔާސީއެއް ނުކުރެވޭނެ." އޭނާ ބުންޏެވެ.

ޒަރިޔަންދު ދެއްކި ވާހަކައާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ޕީއެސްއެމުން މިހާރު އަންނަނީ އެކަން ބަލަމުންނެވެ. އަދި މައްސަލައެއް އޮތް ނަމަ އޭނަ އަށް ފިޔަވަޅު އަޅާނެ ކަމަށް އެތަނުން ބުންޏެވެ.