Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

އަމާޒަކީ ފިލްމު ޑައިރެކްޓްކުރުން: ރަންބީރް

އެންމެ ބޮޑު އެއް އަމާޒަކީ ފިލްމު ޑައިރެކްޓްކުރުން ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ ދެވަނަ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ބައިވެރިވެ އޭގެ ހަވާސާގެ ތެރެއިން ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ޑެޑްލައިނަށް ދިން އިންޓަވިއުއެއްގައި 40 އަހަރުގެ އެކްޓަރު ބުނީ އަބަދު ވެސް ޑައިރެކްޓްކުރުމަކީ ވަރަށް ބޮޑު ހުވަފަނެއް ކަމަށެވެ.

އެކަމަކު އަމިއްލަ އަށް ސްކްރިޕްޓް ލިޔުމުގެ ގާބިލުކަން ނެތުމުން، ފިލްމެއް ޑައިރެކްޓްކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ބުންޏެވެ. ނަމަވެސް އަމިއްލަ އަށް ވާހަކައެއް ޑިވެލޮޕްކޮށް، އެއަށް ސްކްރީންޕްލޭ ލިޔައި، ޑައިރެކްޓްކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

"އެކަމަށް އެބަ މަސައްކަތްކުރެވޭ. އެހެންވެ އަހަރެންގެ ކުރިއަށް އޮތް ދިހަ އަހަރުގެ ޕްލޭނުގެ ތެރޭގައި ފިލްމެއް ލިޔެ، ޑައިރެކްޓްކުރުން އެބައޮތް،" ކުރީގެ ތަރި ރިޝީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ. "ފަހަރުގައި ޑައިރެކްޓްކުރާ ފިލްމުތައް އަމިއްލަ އަށް ކުޅުމަކީ ވެސް ވެދާނެ ކަމެއް."

ހޮލީވުޑަށް ދިއުމުގެ އެއްވެސް ވިސްނުމެއް އެބަ އޮތްތޯ އެހުމުން ރަންބީރް ބުނީ އެކަމަށް އެއްވެސް އިރެއްގައި ނޫނެކޭ ނުބުނާނެ ކަމަށެވެ. އެކަމަކު ބޮލީވުޑުން ލިބެމުން އަންނަ ފުރުސަތުތަކާ މެދު ވަރަށް ހިތްހަމަޖެހިގެން ހުރި ކަމަށް ބުންޏެވެ. ރަންބީރުގެ އަންހެނުން އާލިއާ ބަޓް ދާދި ފަހުން "ހާޓް އޮފް ސްޓޯން" ކިޔާ ހޮލީވުޑްގެ ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އަންނަ އަހަރު އެ ފިލްމު ރިލީޒްކުރާނެ އެވެ.

ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ އަންހެނުންނާ އެކީ އޮގަސްޓްގައި ފެނިގެން ދިޔަ "ބުރައްމަަސްތުރާ" އެވެ. އަންނަ އަހަރު އޭނަގެ ދެ ފިލްމެއް ރިލީޒްވާނެ އެވެ. އެއީ އަދި ނަން އިއުލާން ނުކުރާ ޑައިރެކްޓަރު ލަވް ރަންޖަންގެ ރޮމޭންޓިކް ކޮމެޑީއަކާއި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ތުރިލާ "އެނިމަލް" އެވެ.

ރަންބީރް ޑައިރެކްޝަނަށް ޝައުގުވެރިކަން އޮތް ވާހަކަ ބުނި އިރު، އޭނަގެ ބައްޕަ ރިޝީ ވެސް ފިލްމެއް ޑައިރެކްޓްކުރި އެވެ. އެއީ 1999 ގެ "އާ އަބް ލޯޓް ޗަލޭ" އެވެ. ރަންބީރްގެ ކާފަ ކުރީގެ މަޝްހޫރު ތަރި ރާޖް ކަޕޫރަކީ ވެސް ވަރަށް މޮޅު ޑައިރެކްޓަރެކެވެ.