މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ބެލެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަން ނިންމާލައިފިއެވެ.
މާފުށި ޖަލުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި މޯލްޑިވްސް ކަރެކްޝަން ސަރވިސް ގުޅިގެންނެވެ.
މި އޮޕަރޭޝަން ފަށާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އެ އޮޕަރޭޝަނާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފުށީ ޖަލުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަން ރޭގެ ވަގުތެއްގައި ނިންމާލާފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.
ފުލުހުން އަންގާރަ ދުވަހުގެރޭ ބުނެފައިވަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިލައްވާފައިވާ ކަމަށެވެ.
އެހެންކަމުން ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަންސް ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.