Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ޖެންޑާ އަށް އޮކްޓޯބަރުގައި 208 މައްސަލައެއް

ޖެންޑަ މިނިސްޓްރީ އަށް އޮކްޓޯބަރު މަހުގެ ތެރޭގައި 208 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބުނެފި އެވެ.

އެ މަހު ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން އާންމުކުރި ރިޕޯޓްގައިވާ ގޮތުން އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކޮށްފައިވާ އެކި ބާވަތުގެ އަނިޔާ އެވެ. އެގޮތުން ކުޑަކުދިންގެ އަނިޔާގެ 79 މައްސަލައެއް ހުށަަހަޅާފައިވެ އެވެ. އެގޮތުން ކުދިންނަށް އިހުމާލުވުމުގެ 23 މައްސަލައަކާއި ޖިންސީ ހާނިކައިގެ 22 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 12 މައްސަލައަކާއި ނަފުސާނީ ހާނިއްކައިގެ 11 މައްސަލައަކާއޮ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ގަސް މައްސަލަ އާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ މައްސަލަ އާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލަ އާއި ބްލެކްމެއިލް ކުރުމުގެ މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ މައްސަލައެއް އޮކްޓޯބަރު މަހުގެ ތެރޭގައި ޖެންޑަ އަށް ރިޕޯޓްކުރި އެވެ.

މިނިސްޓްރީގެ ރިޕޯޓްގައިވާ ގޮތުން ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ 36 މައްސަލައެއް އޮކްޓޯބަރުގައި މަހު ހުށަހެޅި އެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން 15 މައްސަލަ އަކީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. ދެން ހިމެނެނީ ނަފުސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާކުރުމުގެ 12 މައްސަލަ އާއި ޖިންސީ ހާނިއްކަ ކުރުމުގެ ތިން މައްސަލައަކާއި އިހުމާލުގެ ތިން މައްސަލައަކާއި މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި މާލީ ފުދުންތެރިކަން ފޯރުކޮށް ދިނުމުގައި ހުރަސްއެޅުމުގެ މައްސަލައެއްގެ އިތުރުން އަދި މަޖުބޫރުކުރުވައިގެން މަސައްކަތް ކުރުވުމުގެ މައްސަލައެކެވެ.

ޢާއިލީ މައްސަލަތަކާ ގުޅުންހުރި 33 މައްސަލައެއް އޮކްޓޯބަރު މަހު ރިޕޯޓްކުރި އެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާ ބައްދަލުކުރުމުގައި ދިމާވާ 12 މައްސަލައަކާއި ކުދިން ބެލުމުގައި ޖެހޭ 11 މައްސަލައަކާއި، ހަޟާނާތުގެ ހަތް މައްސަލައިގެ އިތުރުން ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ ތިން މައްސަލަ ހިމެނެ އެވެ.

މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 13 މައްސަލައެއް އޮކްޓޯބަތުގައި ރިޕޯޓުކޮށްފައިވެ އެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 22 މައްސަލައެއް އޮކްޓޯބަރު މަހު ހުށަހެޅި އެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 17 މައްސަލައަކާއި އި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެއް އޮކްޓޯބަރުގައި ރިޕޯޓްކުރި އެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 17 މައްސަލައެއް ވެސް އެ މަހުގެ ތެރޭގައި ހުށަހެޅި އެވެ. އެފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ހަ މައްސަލައަކާއި ރުޅި އިސްކުރުން ނުވަތަ ރުޅިގަދަވެގެން އުޅުމުގެ ހަތަރު މައްސަލައަކާއި ސްކޫލަށް ދާން ބޭނުން ނުވުމުގެ ތިން މައްސަލައަކާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ ދެ މައްސަލައަކާއި ސްލޫކީ މައްސަލައެއްގެ އިތުރުން ގަވާއިދާ ޚިލާފު ނުވަތަ އިޖުތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ މައްސަލައެއް ހިމެނެ އެވެ.

މީގެ އިތުރުން ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ހަ މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ. އެއީ ކުދިން ސްކޫލަށް ނުފޮނުވުމުގެ ދެ މައްސަލައަކާއި ސާފު ބޯފެނުގެ ޚިދުމަތް ކަނޑާލުމުގެ ދެ މައްސަލައަކާއި ކަރަންޓު ޚިދުމަތް ކަނޑާލުމުގެ މައްސަލައަކާއި އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ މައްސަލައެކެވެ. އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ފަދަ އަމަލުގެ ގޮތުގައި އޮކްޓޯބަރު މަހު ދެ މައްސަލައެއް ހުށަހަޅެޅި އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި ހުރިހާ މައްސަލައަކަށް ވެސް ވާނީ އެޓެެންޑްކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިފަ އެވެ.