އެޕަލްގެ އެއާޓެގް އެހީގައި ކުރީގެ ބައިވެރިން ފާރަލާ މައްސަލަތަކެއްގައި އެ ކުންފުންޏާ ދެކޮޅަށް އެމެރިކާގެ ދެ އަންހެނަކު ދައުވާކޮށްފި އެވެ.
ސެން ފްރަންސިސްކޯގެ ފެޑަރަލް ކޯޓަކަށް މިދިޔަ ހޯމަ ދުވަހު މައްސަލަ ހުށަހެޅި ދެ މީހުންގެ ތެރެއިން އެކަކީ ނިއު ޔޯކަށް ނިސްބަތްވާ މީހެކެވެ. އަނެއް މީހާ އަކީ ޓެކްސަސްގެ މީހެކެވެ. އެއް ކަހަލަ މައްސަލަތަކެއް ދެ އަންހެނުން ކޯޓަށް ހުށަހެޅި އިރު، ބުނެފައި ވަނީ އެ މީހުން އުޅޭނޫޅޭ ތަން ބަލަން އެއާޓެގްގެ އެހީގައި ކުރީގެ ބައިވެރިން ފާރަލަތީ އެކަން މިހާރު އާންމު ބިރަކަށް، އާންމު އުނދަގުލަކަށްވެފައިވާ ކަމަށެވެ. އަދި މިއީ އެ މީހުންގެ ޕްރައިވެސީ އާއި ރައްކާތެރި ކަމަށް ވެސް އޮތް ނުރައްކަލެއް ކަމަށް ބުނެފައިވެ އެވެ.
އެއާޓެގް މައްސަލާގައި ދައުވާކުރި އެކަކު ބުނެފައި ވަނީ ކުރީގެ ލޯބިވެރިޔާ އޭނަ އަށް ފާރަލަނީ ގެންގުޅޭ ކާރުގެ ފުރޮޅެއްގެ ތަންކޮޅެއްގައި ނުފެންނަ ގޮތަށް އެއާޓެގް ހަރުކޮށްގެން ކަމަށެވެ. އަނެއް މީހާ ބުނެފައިވާ ގޮތުގައި އޭނަގެ ކުރީގެ ފިރިމީހާ ފާރަލަނީ ދަރިފުޅު ގެންގުޅޭ ބެކްޕެކްގައި އެއާޓެގް ހަރުކޮށްގެންނެވެ. އަދި އެކަން ކުރިން ފަޅާއަރައިގެން އެއާޓެގް މަސައްކަތް ނުކުރާ ގޮތަށް ހަދާފައި ވަނިކޮށް، އަނެއްކާ ވެސް އިތުރު އެއާޓެގެއް ބޭނުންކޮށްގެން ފާރަލަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ކޯޓަށް މައްސަލަތައް ވެއްދި ދެ މީހުން ވެސް ވަނީ އެޕަލްގެ އެއާޓެގާ ހެދި އެ މީހުންގެ ޕްރައިވެސީ ގެއްލިފައިވާތީ އެޕަލްގެ ފަރާތުން މާލީ ބަދަލު ނަގައިދޭން އެދިފަ އެވެ. ނަމަވެސް ބަދަލެއް ނަގައިދޭން އެދުނީ ކިހާ ވަރެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އެޕަލް އިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެ ކުންފުނިން އެއާޓެގް ނެރުނީ މިދިޔަ އަހަރު އެވެ. މިއީ ގެއްލޭ ނުވަތަ ބޭއްވޭ ނުބޭއްވޭ ތަނެއް ނޭނގި އެއްޗެހި ހޯދަން ޖެހޭ ހާލަކްތަކުގައި އެކަމަަށް މަގުފަހިކޮށްދޭ ކުޑަ ޑިވައިސްއެކެވެ.