ސަރަހައްދީ އެއްބާރުލުމާއި ސުލުހަ އޮންނާނެ ގޮތަށް އަމަލުކުރުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާގެ މެސެޖުގައެވެ.
ރައީސް ސޯލިހްގެ މެސެޖުގައި ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ޤައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.
ތަހުނިޔާގެ މެސެޖުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ސަރަހައްދީ އެއްބާރުލުމާއި އެކު ހުރިހާ ފަރާތްތަކަށް ސުލުހަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމުގެ މުހިއްމުކަން، ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. އަދި ސާކް ޗާޓަރގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
މީގެއިތުރުން ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ޘަޤާފީ ގުުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ޤައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައިވެއެވެ.
"ސާކް ޗާޓަރ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.