Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ވޮންޑަ ވުމަން 3" ނަހަދާ ގޮތަށް؟

ގަލް ގެޑޯ ޓައިޓްލް ރޯލު ކުޅެމުން އައި ސުޕަހީރޯ ފިލްމު "ވޮންޑަ ވުމަން" ގެ ތިން ވަނަ ބައި ނަހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ތިން ބަނަ ބައި ހަދާނެ ވާހަކަ ވޯން ބްރަދާސް އިން ކުރިން އޮތީ 2020 ގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކޮށްފަ އެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިހާރު ތިން ވަނަ ނަހަދަން ނިންމާފައިވާ ކަމަށެވެ. އެކަމަކު އެކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ހޮލީވުޑް ރިޕޯޓާ އިން ބުނީ "ވޮންޑަ ވުމަން 3" ނަހަދަން ވޯނާ ބްރޮސް ޑިސްކަވަރީ އާއި ޑީސީ ސްޓޫޑިއޯ އިން ނިންމީ ދެ ކުންފުނީގެ އާ ވެރިން ކަމަށެވެ. އެގޮތުން ދެ ސީއީއޯ އިން ކަމަށްވާ ޖޭމްސް ގަން އާއި ޕީޓާ ސަފްރާން އެ މީހުންގެ ޕްލޭންތަކުން އެ ފިލްމު ސޮއްސުވައިލީ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ގެނެސްދިން ސްކްރިޕްޓާ މެދު ވެސް ހިތްހަމަނުޖެހޭތީ ކަމަށް ބުނެފައިވެ އެވެ.

މީޑިއާތަކުން ބުނީ "ވޮންޑަ ވުމަން 3" ގެ ސްކްރިޕްޓްގެ ފެންވަރުގެ ސްޓޫޑިއޯތަކުގެ ވެރިން އުންމީދުކުރި ވަރަށް ވަރަށް ވުރެ ދަށް ކަމަށާއި އެހެންވެ ބުއްދިވެރި ގޮތަކީ ތިން ވަނަ ބައި ހެދުމުގެ ހިޔާލު ދޫކޮށްލުން ކަމަށެވެ. މިއާ އެކީ މިހާރު "ވޮންޑަ ވުމަން" ފްރެންޗައިޒްގެ ފޭނުން ތިބީ ރަސްމީކޮށް މިއަށް ވާން އުޅޭ ގޮތެއްގެ އިންތިޒާރުގަ އެވެ.

މީގެ ފުރަތަމަ ބައި 2017 ގައި ގެނެސް ދިނުމަށް ފަހު، ދެވަނަ ބައި "ވޮންޑަ ވުމަން 1984" ގެނެސްދިނީ 2020 ގަ އެވެ. ޖުމްލަ 150 މިލިއަން ޑޮލަރުގަ ބަޖެޓަކިން ހެދި ފުރަތަމަ ބަޔަށް ބޮކްސް އޮފީހުގައި 822.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އިރު، 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ދެވަނަ ބަޔަށް ހަރަދު ފޫބެއްދިފައެއް ނުވެ އެވެ. އެ ފިލްމަށް ލިބުނީ 169.6 މިލިއަން ޑޮލަރެވެ.

"ވޮންޑަ ވުމަން 3" ނަހަދަން ނިންމިކަމުގެ ވާހަކަތައް ދެކެވެމުން އަންނަ އިރު، ޑައިރެކްޓަރު ޕެޓީ، 51، އަށް "ސްޓާ ވޯސް" ސީރީޒްގެ ފިލްމެއް ޑައިރެކްޓްކުރަން 2020 ގައި ފުރުސަތު ލިބިފައިވެ އެވެ. އެގޮތުން އޭނައާ ހަވާލުކުރި "ސްޓާ ވޯސް: ރޯގް ސްކޮޑްރަން" ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ އަހަރު އެވެ.