ސަރުކާރުގެ އެއްވެސް ނުފޫޒެއް ޖުޑިޝަރީއަށް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފްތާއަކުވެސް ސްޕޯކްސްޕާސަން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، މިއަދުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ނިންމުމުން އެކަމާ ގުޅުވައިގެން ސުވާލު ކޮށްފައެވެ.
އެ ސުވާލުތައް ތަކުރާރުކޮށް އަމާޒުކުރުމުންވެސް މިއުވާން ވިދާޅުވީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ޖުޑިޝަރީއަށް ނޯންނާނެ ކަމަށެވެ. ޖޭއެސްސީއަކީ މިނިވަން މުއައްސަސާއަކަށް ވުމުން އެ ކޮމިޝަނުން ކުރާ ކަންކަމަށް ސަރުކާރުން ކޮމެންޓް ނުކުރާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލުކުރި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލަ ބަލަން ފެށުމުން އެކަމަކީ ސަރުކާރުގެ ނުފޫޒު އޮވެގެން ކުރާ ކަމެއްކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.
ޔާމީނަށް ހުކުމް ކުރި ދުވަހުގެ މެންދުރުގެ ފަރިއްކޮޅު ފޮނުވީ ޔާމީނާ ގުޅުން އޮންނަ ފަރާތަކުން ކަމަށް ތުހުމަތުކުރެވޭތީ މަހާޒުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައިވާއިރު، އެ މައްސަލައިގައި މަހާޒް ވިދާޅުވީ މެންދުރުގެ ފަރިއްކޮޅަށް ހަރަދުކޮށްފައިވަނީ އަމިއްލައަށް ކަމަށެވެ.