Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ދީޕިކާ އާއި އަޖޭގެ ޖޯޑު ސްކްރީނަށް ގެންނަނީ

މިހާތަނަށް އަދި ބޮޑު ސްކްރީނުން އެކީގައި ފެނިފައި ނުވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ އަޖޭ ދޭވްގަނާއި ދީޕިކާ ޕަދްކޯންގެ ޖޯޑު ސްކްރީނަށް ގެންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ދެ ތަރިން އެކީގައި ފެންނާނެ ފިލްމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގަމް" ގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" އެވެ. އަންނަ އަހަރު ޝޫޓިން ފަށަން ހަމަޖެހިފައިވާ މި ފިލްމުގެ ބަތަލާގެ ރޯލަށް ދީޕިކާ ނެގިކަން މިހާރު ވަނީ ކަށަވަރުކޮށް ދީފަ އެވެ. މިއާ އެކީ "ސިންގަމް އެގެއިން" ވާނީ ރޯހިތާ އެކީ ދީޕިކާ މަސައްކަތްކުރާ ދެވަނަ ފިލްމަށެވެ.

އެ ދެ މީހުން ކުރިން އެކީގައި މަސައްކަތްކުރީ ޝާހްރުކް ޚާން ބަތަލުގެ ރޯލު ކުޅުނު 2013 ގެ "ޗެންނައި އެކްސްޕްރެސް" ގަ އެވެ. ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގްއާ އެކީ ރޯހިތު މި މަހުގެ 23 ގައި ސިނަމާތަކަށް ދޫކޮށްލާ "ސާކަސް" ގެ ލަވައަކުން ދީޕިކާ ފެންނާނެ އެވެ. "ކަރަންޓް ލަގާ ރޭ" ގެ ނަން ދީފައިވާ އެ ލަވަ މިއަދު ވަނީ އާންމުކޮށްފަ އެވެ.

"ސިންގަމް އެގެއިން" ގެ ބަތަލާއަކަށް ދީޕިކާ ހަމަޖެއްސި އިރު، ރޯހިތުގެ ކޮޕް ޔުނިވާސްގެ މި ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު 2011 ގެ "ސިންގަމް" ގެ ބަތަލާ އަކީ މަޝްހޫރު ތެލެގޫ ބަތަލާ ކާޖަލް އަގަރްވާލެވެ. އަދި 2014 ގެ "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރެވެ.

"ސިންގަމް އެގެއިން" ރިލީޒްކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.