Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މިދިޔަ މަހު މީރާއިން 1.5 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ މަހު މީރާއަށް 1.51 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 20.4 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 43.7 ޕަސެންޓް އިތުރު އަދަދެއް ކަމަށްވެސް މީރާ އިން ބުނެ އެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ނޮވެމްބަރު ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީ، އިންކަމް ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، ޑިޕަރޗަރ ޓެކްސް އަދި ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މިގޮތުން، އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އަދި، އޮކްޓޫބަރު 2021 އާއި އަޅައިބަލާއިރު، އޮކްޓޫބަރު 2022 ގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.2 ޕަސެންޓް އިތުރުވުމުގެ ސަބަބުން، މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން މީރާއިން ފާހަގަކުރެ އެވެ.

މީގެ އިތުރުން، ކުރީގެ މުއްދަތުތަކަށް ނުލިބިވާ ޓޫރިޒަމް ލޭންޑް ރެންޓްގެ ފައިސާ މި މަހުގެ ތެރޭގައި ލިބިފައިވުމަކީ ވެސް އާމްދަނީ އިތުރު ވުމުގެ ސަބަބެއް ކަމުގައި މީރާއިން މައުލޫމާތުދެ އެވެ. އަދި، މީރާއިން މައުލޫމާތު ދޭ ގޮތުގައި، ނޮވެންބަރު 2022 ގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ނޮވެންބަރު 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ނޮވެންބަރު 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ. މި ފީ ނޮވެންބަރު 2021 ގައި ލިބިފައެއް ނުވެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 787.62 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގަ އެވެ. އެއީ 230.35 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން، އިންކަމް ޓެކްސްގެ ގޮތުގައި 145.34 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 76.29 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 73.36 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 193.85 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.68 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.