Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ހުޅުމާލޭގައި ލުއި ކާނާ ވިއްކޭނެ މަގުފަހިކޮށް ދެނީ

ހުޅުމާލެ - ފޮޓޯ: ސަން

ހުޅުމާލޭ ފޭސް 2 އިން "އާބަން ޝެކް" އަދި "އާބަން ކިއޮސްކް" ވިޔަފާރި އުސޫލުން ހެދިކާއާއި ލުއިކާނާ އަދި ބުއިންތައް ވިއްކުމަށް ކުއްޔަށް ދޭން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިފުރުސަތު ހުޅުވަމުން ވިދާޅުވީ، "އާބަން ޝެކް" ކުއްޔަށް ދޫކުރަނީ ހެދިކާ ވިއްކުމުގެ ބޭނުމުގައެވެ. އަދި "އާބަން ކިއޮސްކް" ކުއްޔަށް ދޫކުރަނީ ލުއިކާނާ އަދި ބުއިންތަށް ވިޔާފާރި އުސޫލުން ވިއްކުމަށެވެ. އެޗްޑީސީގެ ފަރާތުން ބުނީ ކުއްޔަށް ދޫކުރަނީ 4 އާބަން ޝެކް އަދި 4 އާބަން ކިއޮސްކްއެވެ.

ހުޅުމާލޭ ފޭސް 2 ގައި އާބަން ޝެކް އަދި ކިއޮސްކްވެސް ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލަނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ. މީގެ ތެރެއިން އާބަން ޝެކްއަށް މަހު ކުލީގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު، ލީސް ޑިޕޮސިޓްގެ ގޮތުގައިވެސް 1500ރ. ދައްކަން ޖެހޭނެއެވެ. އެޗްޑީސީން ބުނީ ކުއްޔަށް ލިބޭނެ ފަރާތްތައް ހޮވިގެންދާނީ ކުއްޔަށް ނެގުމަށް އެދި ފޯމު ހުށަހަޅާފައިވާ ގްރޫޕްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމަކުންކަމަށެވެ.

އަދި އަރބަން ޝެކް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 7 ދުވަސްތެރޭގައި ހިދުމަތްދޭން ފަށަންވާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން މިމުއްދަތުގެ ތެރޭގައި މަސައްކަތް ނުފެށޭ ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލަކާއި ނުލައި ބާތިލް ކުރެވޭނެ ކަމަސް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ނެއިބާހުޑް 6 ގައި އާބަން ކިއޮސްކް ކުއްޔަށް ދޭން ހުޅުވާލަނީ ހުޅުމާލެގައި ދިރިއުޅޭ ފަރުދުންނާއި އަދި އެންމެ ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައްޔާރީ ކާބޯތަކެތީގެ ވިޔަފާރިއަށް ކަމަށް އެކުންފުނިން ހާމަކުރެއެވެ.

މި ކިއޮސްކްތަކުގައި ފެނާއި ކަރަންޓުގެ ހިދުމަތް ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފައިވާއިރު، ކިއޮސްކް ހިންގާ ފަރާތުން މި ޙިދުމަތް ބޭނުން ކުރާ ނަމަ އެ ބިލްތައް ދައްކަން ވާނެ ކަަމަށް އެޗްޑީސީން ބުނެއެވެ. މި ކިއޮސްކް ތަކުގައި ތައްޔާރީ ކާތަކެތި، ލުއިކާނާ، ލުއިބުއިން އަދި ޓޭކްއަވޭ ހިދުމަތް ދެވޭނެއެވެ.

ހުޅުމާލޭގައި ކުދި ވިޔަފާރިތަކަށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މީގެ ކުރީން ހުޅުމާލޭގައި މޭޒު ޖަހައިގެން މިފަދަ ވިޔަފާރި ކުރާތީ އެކަން އެޗްޑީސީން މަނާކުރުމަށް ފަހުއެވެ. މިކަން އެޗްޑީސީން އޭރު މަނާ ކުރީ މިފަދަ ވިޔަފާރިތައް ހިންގާއިރު އެއީ އެންމެ ސިއްޙީ ގޮތުން އެންމެ އެކަށީގެންވާ މާހައުލު ކަމަށް ނުވާ ކަމަށް ބުނެއެވެ.