Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ނެދަލޭންޑްސަށް ވޯލްޑް ކަޕް އަދި ކިރިޔާ ފެށުނީ

ނެދަލޭންޑްސް އަށް ވޯލްޑް ކަޕް އަދި ކިރިޔާ މި ފެށުނީ ކަމަށް އެޓީމުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ ނެދަލޭންޑްސް އިން އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު، ނެދަލޭންޑްސް ކުއާޓާ އަށް ދަތުރުކުރީ އެމެރިކާ ބަލިކުރުމަށްފަހު އެވެ. އަދި އާޖެންޓީނާ ކުއާޓާ އިން ޖާގަ ހޯދީ އޮސްޓްރޭލިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މިރޭގެެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ވެންހާލް ބުނީ ނެދަލޭންޑްސަށް ހަގީގަތުގައި ވޯލްޑް ކަޕް ފެށޭނީ މިރޭ ކަމަށާއި ނަމަވެސް މިއީ އެއްވެސް ހާލެއްގައި ގްރޫޕް ސްޓޭޖާއި އަދި ދެވަނަ ބުރުގައި ކުޅުނު ޓީމުތައް މުހިއްމު ނުވާތީ ބުނާ އެއްޗެއް ނޫން ކަމަށެވެ.

"އެކަމަކު އާޖެންޓީނާ އާއި ބްރެޒިލް ފަދަ ޓީމުތަކަކީ މީގެކުރިން ގްރޫޕް ސްޓޭޖާއި ދެވަނަ ބުރުގައި އަހަރަމެން ބަލިކުރި ޓީމުތަކާ މުޅިން ތަފާތު ޓީމުތަކެއް." ވެންހާލް ބުންޏެވެ.

މިރޭގެ މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހުއްޓުވަން ނެދަލޭންޑްސް އިން ގެންގުޅޭނެ ޕްލޭނާއި ގުޅޭގޮތުން ސުވާލުކުރުމުން ވެންހާލް ވަނީ ނެދަލޭންޑްސް ޓީމުގެ އެއްވެސް ޓެކްޓިކްސްއެއް މީޑިއާތަކާ ހިއްސާކުރަން ބޭނުން ނުވާ ކަމަށާއި އެއީ މޮޔަ ކަމެއް ކަމަށެވެ.

މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީފައިނަލަށް ފަހު އާޖެންޓީނާ އާއި ނެދަލޭންޑްސް ބައްދަލުކުރާ ފުރަތަމަ މެޗެވެ. އެފަހަރު ޕެނަލްޓީގައި ކުރި ހޯދައިގެން ފައިނަލަށް ދަތުރުކުރީ އާޖެންޓީނާ އެވެ.

ނެދަލޭންޑްސް އާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރު އެވެ.