Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

އާޖެންޓީނާގެ ބޭނުމީ ޕެނަލްޓީ އަށް ނުގޮސް މޮޅުވުން

ޓީމުގެ ވިސްނުން ހުރީ ޕެނަލްޓީއަށް ނުގޮސް މިރޭގެ މެޗުން މޮޅުވުމަށް ކަމަށް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފި އެވެ.

ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ ނެދަލޭންޑްސްއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، މި ދެ ޓީމު މީގެކުރިން ވަނީ ވޯލްޑް ކަޕްގައި ފަސް ފަހަރު ބައްދަލުކޮށްފަ އެވެ. އޭގެތެރެއިން ދެ މެޗު އާޖެންޓީނާ އިން ކާމިޔާބުކޮށްފައިވާއިރު ވޯލްޑް ކަޕެއްގައި އާޖެންޓީނާ އަށް 90 މިނެޓްގެ ތެރޭގައި ނެދަލޭންޑްސް މިހާތަނަށް ބަލިކުރެވިފައެއް ނުވެ އެވެ.

މިރޭގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސްކަލޯނީ ބުނީ ކުޅުންތެރިން ޕެނަލްޓީއަށް ފަރިތަކޮށްފައިވާ ކަމަށާއި އެއީ އާންމުކޮށް ވެސް ފަރިތަކުރުންތަކުގައި ކުރާ ކަމެއް ކަމަށެވެ. ޕެނަލްޓީ އަކީ ނަސީބާއި ވަރަށް ގުޅިފައި އޮންނަ އެއްޗެއް ކަމަށާއި މިރޭގެ މެޗުގައި ޕެނަލްޓީއަށް ދާން ނުޖެހޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ސްކަލޯނީ ބުންޏެވެ.

"އުއްމީދަކީ ޕެނަލްޓީ އަށް ދާން ނުޖެހި މެޗުން މޮޅުވުން. ފުޓްބޯޅަ އަކީ ބައެއް ފަހަރު ވަރަށް ރީތި ކުޅިވަރެއް. އަދި ބައެއް ފަހަރު ވަރަށް ހިތްދަތިކަން ވެސް ގެނުވާ ކުޅިވަރެއް." ކޯޗު ބުންޏެވެ.

ސްކަލޯނީ ބުނީ މިރޭގެ މެޗަށް އާޖެންޓީނާ ނިކުންނަނީ ޕެނަލްޓީ ޖަހާނެ ކުޅުންތެރިން ނިންމައިގެން ނޫން ކަމަށާއި ޓީމުގެ ވިސްނުން ހުރީ 90 މިނެޓްގެ ތެރޭގައި މެޗުން މޮޅުވުމަށް ކަމަށެވެ. ނަމަވެސް އެއީ ބުނެލާ ބަހަކަށް ވުރެ ކުރަން އުނދަގޫ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

މީގެއިތުރުން މިރޭގެ މެޗުގައި ކުޅޭ ދެ ޓީމަކީ ވެސް އެޓޭކް ކުރަން ޖެހިލުން ނުވާ ދެ ޓީމު ކަމަށްވުމުން ރީތި މެޗެއް މިރޭ ފެނިގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.