ބްރެޒިލްގައި އޮތީ ބިރުގަންނަ ވަރުގެ ސްކޮޑެއް ކަމަށް ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑަލިޗް ބުނެފި އެވެ.
ވޯލްޑް ކަޕްގެ ކުއާޓާފައިނަލްގައި މިރޭ ބްރެޒިލް އާއި ކްރޮއޭޝިއާ ބައްދަލުކުރާއިރު، ބްރެޒިލް ކުއާޓާ އަށް ދަތުރުކުރީ ދެވަނަ ބުރުގައި 4-1 އިން ދެކުނު ކޮރެޔާ ބަލިކުރުމަށްފަހު އެވެ. ކްރޮއޭޝިއާ ކުއާޓާ އަށް ދަތުރުކުރީ ޕެނަލްޓީގައި ޖަޕާން ބަލިކޮށްގެންނެވެ.
ކްރޮއޭޝިއާގެ ކޯޗު ޑަލިޗް ބުނީ މިރޭގެ މެޗަކީ މި މުބާރާތުގައި މިހާތަނަށް ކްރޮއޭޝިއާ އިން ކުޅުނު އެހެން ހުރިހާ މެޗަކާ އަޅާ ބަލާއިރު ތަފާތު ވާނެ މެޗެއް ކަމަށާއި ބްރެޒިލް އަކީ މި މުބާރާތުގައި އޮތް އެންމެ މޮޅު ޓީމު ކަމަށް ގަބޫލުކުރާ ކަމަށެވެ.
"ބްރެޒިލްގައި ތިބީ މޮޅެތި ކުޅުންތެރިން. ގަދަ ސްކޮޑެއް އެބައޮތް، އެއީ ބިރުގަންނަ ވަރުގެ ސްކޮޑެއް. މިއީ އަހަރަމެންނަށް އޮތް ބޮޑު އިމްތިހާނެއް." ޑަލިޗް ބުންޏެވެ.
ޑަލިޗް ބުނީ ބްރެޒިލްއާ ދެކޮޅަށް ކުޅެން ބޭނުން ވަނީ ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ވުރެ ބޮޑަށް ފައިނަލްގައި ކަމަށެވެ. އަދި ކްރޮއޭޝިއާ އިން މެޗުގެ ކުރިން ބްރެޒިލް އަށް އަމާން ނުދޭނެ ކަމަށާއި ބްރެޒިލްއާ ދެކޮޅަށް ވީ އެންމެ ރަނގަޅަކަށް ކްރޮއޭޝިއާ ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށްވެސް ޑަލިޗް ބުންޏެވެ.
މިރޭގެ މެޗުގެ ފެވަރިޓުންނަކީ ބްރެޒިލް ކަމަށާއި ނޭމާ ވެސް އެނބުރި އައިސްފައި ވުމާއެކު އެޓީމާ ދެކޮޅަށް ކުޅެން ޖެހޭނީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ޑަލިޗް ބުންޏެވެ. އެގޮތުން ބްރެޒިލްއާ ދެކޮޅަށް ކުޅޭއިރު ހުސް ޖާގަތައް ދީގެން ނުވާނެ ކަމަށާއި އަދި މުޅި މެޗުގައި ޑިފެެންސިވް ކުޅުމެއް ކުޅުމަކީ ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ބުންޏެވެ.
ބްރެޒިލް އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8 ޖަހާއިރު އެވެ.